މާޒީ ހަނދާންކޮށްފައި ނުރޯށެވެ. އެއީ ތިމާގެ ޢަޒުމު މަރާލާ ކަމެކެވެ.

މާޒީ ހަނދާންކުރުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ބައެއް މީހުންގެ މާޒީ އަކީ ފޮނި އަދި ހަނދާން ކުރަން ބޭނުންވާ މާޒީއެވެ. އަނެއް ބައި މީހުންގެ މާޒީ އަކީ ހިތި، އަދި ހިތާމައިން ފުރިގެންވާ މާޒީއެވ...

08 Sep 2020 | 05:24

މާޒީ ހަނދާންކުރުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ބައެއް މީހުންގެ މާޒީ އަކީ ފޮނި އަދި ހަނދާން ކުރަން ބޭނުންވާ މާޒީއެވެ. އަނެއް ބައި މީހުންގެ މާޒީ އަކީ ހިތި، އަދި ހިތާމައިން ފުރިގެންވާ މާޒީއެވެ. އެހެން ކަމުން ގިނަ ފަހަރު އެފަދަ މާޒީއެއް އޮންނަ މީހުން މާޒީއާއި ދޭތެރޭ ވިސްނާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ފޮނި މާޒީއެއް އޮތް މީހެއް ނަމަ އެފަދަ މާޒީ އަކާއި މެދު ވިސްނާލުމުން އެމީހެއްގެ ހިތައް ހަމަ ޖެހުމެއް ގެނުވާކަހަލައެވެ. އެހެން ކަމުން އެފަދަ މީހުން މާޒީއާއި މެދު ވިސްނަން ބޭނުން ވެދާނެއެވެ.

ކަން މިހެން ހުރި ނަމަވެސް މާޒީ ހަނދާންކޮށްކޮށްފައި އެއާމެދު ވިސްނައި، މާޒީގައި ވެފައިވާ ދެރަކަންތަކާ މެދު ހިތާމަކޮށް ވަގުތު ބޭކާރު ކޮށްލުމަކީ ދެރަ ކަމެކެވެ. އެއީ ކޮށްގެން ނުވާނޭ ކަމެކެވެ. އެފަދަ މާޒީތައް ހަނދާން ކުރުމަކީ ތިމާގެ ޢަޒުމު މަރާލައި، ކުރިމަތީގައި އޮތް ޙަޔާތާއި މެދު ފޫހިކަން ގެނުވައި މާޔޫސްކޮށް ބޭކާރުކޮށްލާ ކަމެކެވެ. ބުއްދިވެރިން ގާތުގައި، މާޒީގެ ފަތަކީ އޮޅާލެވިފައިވާ އެއްޗެކެވެ. ނިއުޅައިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަނދާންނެތިކޮށްލުމުގެ ތޭރިތަކުގެ ފަހަތުގައި އަބަދަށްޓަކައި ބަންދުކުރެވިފައިވާ އެއްޗެކެވެ. އަޅާނުލުމުގެ ޖަލުގައި ވަރުގަދަ ވަލުން އައްސާލެވިފައިވާ އެއްޗެކެވެ. އެއީ ދުވަހަކު ވެސް އެތަނުން ނުކުމެގެންވާނެ އެއްޗެއް ނޫނެވެ. އެއީ ބަންދުކުރެވި ތަޅުލެވިފައިވާ، އޭގެ ވާހަކައެއް ނުދެއްކޭ އެއްޗެކެވެ.

ސަބަބަކީ އެއީ މާޒީއަށް ވުމެވެ. އެކަމަކީ މާކުރިން ނިމި ގޮސްފައިވާ ކަމަކަށް ވުމެވެ. ހިތާމަކުރުމަކުން އެ ކަން އަލަކުން ނުކުރެވޭނެއެވެ. ދެރަވުމަކުން އެކަން އިޞްލާޙެއް ނުކުރެވޭނެއެވެ. މޮޅިވެރިވުމަކުން އެކަން ރަނގަޅެއް ވެސް ނުކުރެވޭނެއެވެ. ހިތް ކިލަނބުކުރުމަކުން އެކަން އަލަކުން ނުދިރުވޭނެއެވެ. އެހެނީ އެއީ ނެތުމެކެވެ. އެކަމުން ކުރާނެ އެއްވެސް މަންފާއެއް ފައިދާއެއް ނޯންނާނެއެވެ.

ވީމާ މާޒީގެ ބިރުވެރި ހުވަފެންތެރޭގައި އުޅެން ނުވިސްނަށެވެ. ފާއިތުވެފައިވާ ކަންތަކުގެ އަނދިރި ވިލާގަނޑުގެ ދަށުގައި ނުހުންނާށެވެ. މާޒީގެ ބިރުވެރި ކަމުން ކަލޭގެ ނަފްސު މިންޖުކުރާށެވެ. ކަލޭ ބޭނުންވަނީ، ކޯރުގެ ފެން އައި ދިމާއަށް، އިރު އެރި ދިމާއަށް، ދަރިފުޅު މަންމަގެ ބަނޑަށް، ދިން ކިރު އުރަމައްޗަށް، ފޭބި ކަރުނަ ލޮލަށް، އަނބުރާ ފޮނުވަންހެއްޔެވެ؟! މާޒީއާ މެދު ވިސްނައި، މާޒީ ދެކެ ބިރުގަނެ، މާޒީގެ އަލިފާނުން ކަލޭ އަންދައި، މާޒީގެ އޮޅިގަނޑު ކުރިމަތީ ބަނޑުޖަހައިގެން ތި އޮންނަ އޮތުމަކީ، ހިތާމަކުރަންޖެހޭ ފަދަ ނުރައްކާތެރި ކަމެކެވެ.

މާޒީ އާއި މެދު ހަނދާންކޮށް ރުއިމަކީ މަސައްކަތް ވިއްސިވިހާލިވާ ކަމެކެވެ. ކުރިމަތީގައި އޮތް ވަގުތު ބޭކާރު ކުރުމެވެ. ވީމާ މާޒީގެ މަތިން ހަނދުމަކޮށް އެކަމަށް ބޭކާރު ވަގުތު ހޭދަކުރުމުގެ މާނައެއް ނެތެވެ.

އަހަރެމެންނަށް ޖެހިފައިވާ ބައްޔަކީ، ހާޟިރުގައި ވާ ކަންތައްތައް ނުކޮށް، މާޟީއާ މެދު މަޝްޣޫލުވުމެވެ. ރީތި ގަނޑުވަރުތައް ދޫކޮށްފައި، ވީރާނާވެފައިވާ ގާ ފުނީގެ މޮޅުވާހަކަ ދައްކަން ތިބުމެވެ. ނުވަތަ މާޒީގައި މީހަކު ތިމާއާއި މެދު ކޮށްފައިވާ އިހާނެތި ކަންތަކާއި މެދު ވިސްނާ އެކަމަށް އަނެކާދެކެ އިތުރަށް ނަފުރަތު އުފެއްދުމެވެ. މާޟީވެފައިވާ ކަމެއް އަނބުރާ ގެންނަން، އިންސީންނާއި ޖިންނީން އެކުވިޔަސް، އެއީ ވާނެ ކަމެއް ނޫނެވެ. މުސްތަޙީލުކަމަކީ އެއީއެވެ.

މާޒީ އަށް ބެލުމަށް ފަހަތައް ނުބަލާށެވެ. ފުރަގަހަކަށް ނޭނބުރެއެވެ. ޙަޔާތުގެ ސުންނަތާ ޚިލާފު ނުވާށެވެ. ތިމާއާ ދޭތެރޭ މީހަކު ގޯސްކޮށް ކަންތައް ކޮށްފައި އޮވެދާނެއެވެ. ނަމަވެސް މިއަދު އެފަދަ ކަންތަކާއި ވިސްނާ ހިތާމަކޮށް ހެދުމުގެ އެއްވެސް މާނައެއް ނެތެވެ. އެއީ މާޒީއެވެ. މިއަދު މީ މުޅިން އެހެން ދުވަހެކެވެ. މިއަދު މިވަނީ މަންޒަރު މުޅިން ބަދަލުވެފައެވެ. އެހެން ކަމުން މާޒީގައި ވެފައިވާ ކަންތަކާއި މެދު ވިސްނާ ވަގުތު ބޭކާރު ނުކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް