އިންޑިއާއިން ގާއިމްކޮށްފައިވާ "އެއާ ޓްރެވަލް ބަބްލް" ގެ ދަށުން ރާއްޖެ އާއި އެ ގައުމާއި ދެމެދު ކުރާ ދަތުރުތައް އިތުރު ކުރަން އެއްބަސްވެއްޖެ އެވެ.
އިންޑިއާއިން މިހާތަނަށް ނުވަ ގައުމަކާއި އެކު "އެއާ ޓްރެވަލް ބަބްލް" އެއްބަސްވުން ގާއިމްކޮށްފައިވެ އެވެ. އޭގެ ތެރެއިން ރާއްޖެއަކީ ދެކުނު އޭޝިއާގައި އިންޑިއާއިން އެއާ ޓްރެވަލް ބަބަލް ގާއިމް ކުރި ފުރަތަމަ ގައުމެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ދިއްލީ-ޓްރިވެންޑްރަމް އާއި މާލެ ދެމެދު ބޭއްވުނު އެއާ އިންޑިއާގެ ފްލައިޓަކާއި އެކު ދެ ގައުމުގެ ދެމެދުގައި އެއާ ޓްރެވަލް ބަބަލްއެއް ގާއިމުކުރީ މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ބަޖެޓު އެއާލައިނެއްކަމަށްވާ އިންޑިގޯގެ ދަތުރުތައް ވަނީ ރާއްޖެއަށް ފަށާފއި އެވެ. އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު މާލެ އާއި ކޮޗިން އާއި ދެމެދު ކުރެ އެވެ.
އަދި މިމަހުގެ10 ވަނަ ދުވަހުން ފެށިގެން މާލެ އާއި ޓްރިވެންޑްރަމް އާއި ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަންއިން ދަތުރުތައް ފަށާނެ އެވެ. މޯލްޑިވިއަންއިންވެސް ހަފްތާ އަކު ދެ ދަތުރު ޓްރިވެންޑްރަމްއަށް ކުރާނެ އެވެ.
އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ އެވެ. މީގެ އިތުރުން ރާއްޖެއިން އިންޑިއާ އަށް ބޭސް ފަރުވާ އަށް ދާ މީހުންނަށްވެސް މި ދަތުރުތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
އިންޑިއާ އާއެކު އެއާ ޓްރެވަލް ބަބަލް ގާއިމްކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރީ އޮގަސްޓް 13 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގައެވެ.
އެއާ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށެވެ ދަތުރުތައް ފެށިނަމަވެސް، ކޯވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް