ހޯނޑެއްދޫގަ ބަޔަކަށް ބަލި ޖެހުނީ ކަރަންޓީންގައި ތިބި މީހުންގެ ފަރާތުން ކަމަށް ނުބެލެވޭ

ގދ. ހޯނޑެއްދޫގައި 19 މީހަކަށް ކޯވިޑް-19 ޖެހުނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ތިބި ދެމީހުންގެ ފަރާތުން ކަމަށް ނުބެލެވޭ ކަމަށް އެޗްއީއޯސީން ބުނެފި އެވެ. އެ ރަށުގައި ކޯވިޑަށް ފުރަތަމަ ޕޮސިޓިވްވެފައިވަނ...

08 Sep 2020 | 04:08

ގދ. ހޯނޑެއްދޫގައި 19 މީހަކަށް ކޯވިޑް-19 ޖެހުނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ތިބި ދެމީހުންގެ ފަރާތުން ކަމަށް ނުބެލެވޭ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެ ރަށުގައި ކޯވިޑަށް ފުރަތަމަ ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި ދެ މީހެކެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ޕޮސިޓިވްވެ އެމީހުންގެ ފަރާތުން އިތުރު 17 މީހުންނަށް ބަލި ޖެހުނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ކަރަންޓީންގައި ތިއްބަ ޕޮސިޓިވްވި މީހުންގެ ފަރާތުންނާއި އެކި ގޮތްގޮތުން ހޯދި މައުލޫމާތުތަކަށް ބަލާއިރު ކަރަންޓީންގައި ތިބި މުއްދަތުގައި އެމީހުންނާއި އިތުރު ބަޔަކު ބައްދަލުވެފައެއް ނުވެ އެވެ. އަދި އެމީހުން ބަލި ފެތުރޭނެ ފަދަގޮތަށް ބޭރަށް ނުކުމެ އުޅެފައި ނުވާކަމަށެވެ.

ޑރ. ނަޒްލާ ފާހަގަ ކުރެއްވިވި ގޮތުގައި ކަރަންޓީންގައި ތިބި މީހުންނަކީ ފުރަތަމަ އެ ރަށުން ޓެސްޓު ކުރެވުނު މީހުންނަށްވާތީ އޭގެ ކުރިން ރަށަށް ބަލި ގޮސްފައި އޮތުމަކީވެސް ބެލެވޭ ގޮތެއް ކަމަށެވެ.

އެހެންވެ ބެލެވެނީ ދެން ޕޮސިޓިވްވި މީހުންނަށް ބަލި ޖެހިފައިވަނީ މާލެއިން މީގެ ކުރިން ގޮސްފައިވާ ބައެއްގެ ފަރާތުން ނުވަތަ އެރަށަށް ދިޔަ އެހެން ރަށެއް ނުވަ މަސްވެރިކަން ކުރާ އުޅަނދެއްގައި ދަތުރު ކުރި ބައެއްގެ ފަރާތުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހޯނޑެއްދޫއަށް ބަލި ދިޔަގޮތް ހޯދުމަށް އެފަދަ ހުރިހާ އެންމެންނާއި ސުވާލުކޮށް މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

އަދި ބަލި ފެތުރިިފައިވާ ވަރު ބަލަން ހޯނޑެއްދޫ އާއި މަޑަވެލީގައި ރެންޑަމް ސާމްޕަލް ނެގުން އަދިވެސް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކުއިތުރު ބަޔަކު ޕޮސިޓިވްވެފައެއް ނުވެ އެވެ.

މިހާތަނަށް އަތޮޅު ތެރޭގެ 35 ރަށަކުން ކޯވިޑް-19 އަށް މީހުން ޕޮސިޓިވްވެފައިވެ އެވެ. ހޯނޑެއްދޫ ފިޔަވާ ހުރިހާ ރަށެއްގައި ތިބި ޕޮސިޓިވް މީހުންނަކީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ޕޮސިޓިވްކަން އެނގުނު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް