ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ސްވިޑެންއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނޭޝަންސް ލީގުގެ ދެވަނަ މެޗަށް މިރޭ ސްވިޑެންއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، ޕޯޗުގަލްގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ މިހާރު އަންނަނީ ބައިވެރިވަމުންނެވެ. ނޭޝަންސް ލީގުގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ރޮނާލްޑޯ ކުޅެފައިނުވާއިރު، ރޮނާލްޑޯ އެމެޗުގައި ކުޅެފައި ނުވަނީ އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ރޮނާލްޑޯއަށް އަނިޔާވީ ޕޯޗުގަލްއާއި އެކު ފަރިތަކުރުން ތަކުގައި ބައިވެރިވަމުން ދަނިކޮށް ކަނާތު ފައިގެ ބޮޑުވާ އިނގިއްޔަށް ކުޅަދުރު ކައްޓެއް ޖެހުމުގެ ސަބަބުން އުފެދުނު އިންފެކްޝަން އަކާއި ގުޅިގެންނެވެ. މި އަނިޔާގެ ސަބަބުން ފަރިތަކުރުން ތަކުގައި ދެ ދުވަހު ރޮނާލްޑޯ ބައިވެރިވެފަ އެއް ނުވެއެވެ. ނަމަވެސް މިހާރު ރޮނާލްޑޯ އަންނަނީ ޕޯޗުގަލް ގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
އެ އަނިޔާއިން މިހާރު އޭނާ ރަނގަޅު ވެފައިވާއިރު، ސްވިޑެން މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ މިހާތަނަށް ޕޯޗުގަލްގެ ޖާޒީގައި 99 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސްވިޑެން މެޗުގައި ލަނޑު ޖަހާ 100 ލަނޑު ހަމަކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
ޕޯޗުގަލް އާއި ސްވިޑެން މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، ޕޯޗުގަލް ވަނީ ދެ ފަހަރު ސްވިޑެން އަތުން މޮޅުވެފައެވެ. އަދި މީގެ ކުރިން 2013 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ސްވިޑެން އާއި ޕޯޗުގަލް ބައްދަލުކުރި މެޗު 3-2 ން ޕޯޗުގަލްއިން ކާމިޔާބުކުރިއިރު، މި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދާފައެވެ.
މިފަހަރުގެ ނޭޝަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭއިރު، އެޓީމުން ރޮނާލްޑޯ ނުލާ ކުޅުނު ފުރަތަމަ މެޗުން ވަނީ ފަސޭހަކަމާއެކު ކްރޮއޭޝިއާ އަތުން މޮޅުވެފައެވެ. މި މެޗުން އެޓީމު މޮޅުވެފައިވަނީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޕޯޗުގަލް އާއި ސްވިޑެން ބައްދަލުކުރާ މި މެޗު ކުޅޭނީ ސްވިޑެންގެ ދަނޑުގައި މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް