ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެމްބާޕޭ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ނަގާފައިވާ ދަނޑިވަޅެއްގައެވެ.
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯމަ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްބާޕޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމްބާޕޭ ޕޮޒިޓިވް ވުމާއި އެކު ކުރިއަށް އޮތް 14 ދުވަހަށް އޭނާ ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެމްބާޕޭގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެމްބާޕޭ 14 ދުވަހަށް އައިސޮލޭޝަނަށް ދާން ޖެހުމާ ގުޅިގެން ފްރާންސުން އަމިއްލަ ގައުމުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެއެވެ.
އެމްބާޕޭ އަކީ ޕީއެސްޖީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތްވަނަ ކުޅުންތެރިޔާއެެވެ. މީގެ ކުރިން ސްޕެއިންގެ ރަށެއް ކަމުގައިވާ އިބްޒާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ޕީއެސްޖީގެ ތަރި ނޭމާ އާއި، ފޯވާޑް އެންހެލް ޑި މަރިއާ އާއި، މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސް އާއި، ގޯލްކީޕަރު ކޭލޯ ނަވާސް އާއި، ފޯވާޑް މައުރޯ އިކާޑީީގެ އިތުރުން ޑިފެންޑަރު މާކީނިއޯސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ޕީއެސްޖީގެ ހަތް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ފެށި ފްރެންޗް ލީގުގައި މިހާތަނަށް ޕީއެސްޖީން މެޗެއް ކުޅެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް