ޔޫއެފާ ނޭޝަންސް ލީގް: ނެދަލެންޑްސްގެ މައްޗަށް އިޓަލީ ކުރިހޯދައިފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ނެދަލެންޑްސްގެ މައްޗަށް އިޓަލީން ކުރި ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗުން ނެދަލެންޑްސް އަތުން އިޓަލީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ނެދަލެންޑްސްގައި ކުޅުނު މި ...

08 Sep 2020 | 03:26

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ނެދަލެންޑްސްގެ މައްޗަށް އިޓަލީން ކުރި ހޯދައިފިއެވެ.

ރޭ ކުޅުނު މި މެޗުން ނެދަލެންޑްސް އަތުން އިޓަލީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ނެދަލެންޑްސްގައި ކުޅުނު މި މެޗުގައި އިޓަލީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗު ޑޮމިނޭޓުކޮށް ނެދަލެންޑްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އޭގެ ބަދަލުގައި މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، އެޓީމުން މުޅި މެޗުގައިވެސް އިޓަލީގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވަނީ އެންމެ ތިން ހަމަލާއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިޓަލީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ޗީރޯ އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއްލާއެވެ.

އިޓަލީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގައި ނެދަލެންޑްސްއިން ނަތީޖާ އެއްވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެޓީމަށް އިޓަލީގެ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތް ވަނީ ނުވެފައެވެ. އަދި މި މެޗު ނިމެން ގާތްވެފައި ވަނިކޮށް އިޓަލީގެ ފޯވާޑް މޮއިސް ކީންއަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ވެސް ލިބި ބޭކާރުވެފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީ ގްރޫޕްގެ އެއްވަނައަށް ޖެހިލީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ހޯމަ ދުވަހުގެރޭ ޕޮލެންޑް ވަނީ 2-1 ން ބޮސްނިއާ ބަލިކޮށްފައެވެ.

މީގެ އިތުރުން ނޭޝަންސް ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމުންޑްގެ ޒުވާން ފޯވާޑް އާލިން ހާލަންޑް ކުޅެމުން އަންނަ ނޯވޭ ވަނީ ނޮދަން އަޔަލެންޑް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި ރޫމޭނިއާ ވަނީ އޮސްޓްރިއާ އަތުން 3-2 ން މޮޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް