އިހަވަންދޫއާ ފުވައްމުލަކު ސިޓީގަ ހަދާފައިވަނީ ޓްރާންސިޓް ކޯވިޑް ފެސިލިޓީތަކެއް

ހއ. އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގައި ހަދާފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީތަކަކީ ޓްރާންސިޓް ފެސިލިޓީތަކެއް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރާ...

08 Aug 2020 | 18:41

ހއ. އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގައި ހަދާފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީތަކަކީ ޓްރާންސިޓް ފެސިލިޓީތަކެއް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައްޔަށް ފަރުވާ ދޭނެ ފެސިލިޓީތައް ގާއިމް ކުރުމަށް ކުރިޔަށް ގެންދިޔަ މަސައްކަތުގެ ދަށުން އެންމެ ސީރިއަސްވާ މީހާއަށް ފަރުވާ ދެވޭ ފެންވަރުގައި ފަސް ސަރަހައްދެއްގައި ފެސިލިޓީތައް ގާއިމް ކޮށްފައިވެ އެވެ. އެގޮތުން ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިި އަދި އައްޑޫ ސިޓީގައި ވަނީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ ގާއިމްކޮށްފައި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ފަސް ފެސިލިޓީގެ އިތުރުން އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގައި ޓްރާންސިޓް ފެސިލިޓީތަކެއް ގާއިމް ކުރަން ނިންމީ ދަތުރުފަތުރުގެ ދުރުމިނަށް ބަލައިގެން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީީ ބަލި ހާލަތު ހުންނަ ގޮތަކުން އަވަސް ފަރުވާއެއް ދޭން ޖެހޭ މީހަކު ދާއިމީ ފެސިލިޓީތަކަށް ގެންދިއުމަށް މޫސުން ތަން ނުދޭ ހާލަތްތަކުގައި އެ ތަންތަނުގައި ފަރުވާ ދެވޭނެ ކަމަށެވެ.

ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީތަކާއި އަޅާ ބަލާއިރު އެ ތަންތަނުގައި އެނދުގެ އަދަދު ވަރަށް މަދެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ ފެސިލިޓީތަކުގައި އައިސީޔޫގައި ގިނަވެގެން ފަރުވާ ދެވޭނީ ތިން މީހުންނަށް ކަމަށެވެ.

ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓު ކޮންމެ ފެސިލިޓީއެއްގައި 30 އައިސޮލޭޝަން އެނދާއި، 20 އައިސީޔޫ އެނދު ހުރެ އެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެވެން ހުންނަ އިރު ކޯވިޑަށް ޓެސްޓު ކުރެވޭނެ އެވެ.

އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން މިހާރު ޕޮސިޓީވް މީހުންނަށް ފަރުވާ ދެމުން ދަނީ ފުނަދޫ އަދި އޭދަފުށީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް