ތަހުގީގުގައި އެހީވުމަށް ބޭރުގެ މާހިރަކު އަންނަ ސެޕްޓެމްބަރުގައި އައްޔަންކުރެވޭނެ: މަރު ކޮމިޝަން

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ތަހުގީގުކުރާ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އަންނަ ސެޕްޓެމްބަރު މަހުގައި އައް...

08 Aug 2020 | 14:19

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ތަހުގީގުކުރާ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އަންނަ ސެޕްޓެމްބަރު މަހުގައި އައްޔަން ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ގެއްލުވާލައި، މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރޭއިރު އެކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުވައިލިތާ މިއަދު ހަ އަހަރު ފުރޭއިރު، އަހްމަދު ރިޟްވާން އަބްދުﷲގެ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށެވެ.

"މި ހިތާމައިގާ މި ކޮމިޝަނުން ބައިވެރިވަމު، އަދި ރިލްވާންގެ އާއިލާއާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެހެނިހެން މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ފަށާފައިވާ ބުރަ މަސައްކަތް އެއް އަޒުމެއްގައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވަން"  އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަނަށް އެހީތެރިވިމަށް ބޭރުގެ މާިރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާއި ގުޅިގެން ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަން ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"މި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ޖުލައި މަހުގެ ދެވަނަ ދުވަހު އަހްމަދު ރިޟްވާން އަބްދުﷲ އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާތަކާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށްފަހުއެވެ" މަރު ކޮމިޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލަތަކުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިޟްވާން ގެއްލުވާލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާކަމެއްކަމުގައި ގަބޫލުކުރެވޭތީ އެ މައލޫމާތު ހިއްސާކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން ފާހަގުރާކަމަށެވެ. އަދި އެ ފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް