ރާއްޖޭގައި ސިއްހީ ނިޒާމު ވަނީ ފެއިލްވެފައި: ސިއްހީ ތަޖުރިބާކާރުން

ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެ އިތުރަށް އެ ދާއިރާ ފެއިލްވަމުންދާ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެފި އެވެ. ކޯވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ...

08 Aug 2020 | 12:40

ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެ އިތުރަށް އެ ދާއިރާ ފެއިލްވަމުންދާ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެފި އެވެ.

ކޯވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޮތީ ނިންމައިފަ އެވެ. މައްސަލަ ދިރާސާ ކުރުމަށްޓަކައި ތަޖުރިބާކާރު ޑޮކްޓަރުންނާއި އެޗްޕީއޭ އަދި އެޗްއީއޯސީ އާއި ވޭތުވެދިޔަ 50 އަހަރު ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅުންނާއި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި ކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން އެ ނޫންވެސް ފަރާތްތަކާ ބައްދަލުކުރަންވެސް ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ އާންމު ސިއްހަތުގެ ދާއިރާ ފެއިލްވެފައިވާ ކަމަށް އިޖުތިމާއީ ކޮމިޓީގައި ވިދާޅުވީ މި މައްސަލަ ދިރާސާ ކުރާ ޓީމްގައި ހިމެނޭ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރެއިން ކޮމިޓީއަށް މި މައުލޫމާތުތައް ދެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ޑރ. ހުސެއިން މާހިރު، ޑރ. އިސްހާގު ޝަފީގު، ޑރ. ޝާފިއީ އަބްދުލްމުނިމް، ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އަދި ހަފީޒާ އަލީ އެވެ. އެ ބޭފުޅުންނަކީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންނެވެ.

ފަސް ބޭފުޅުންގެ ދެއްކެވި މައިގަނޑު ވާހަކަތަކަށް ބަލާއިރު ސިއްހީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކަށް މި ސަރުކާރުން ހައްލު ގެނެވޭނެ ކަމަށް ގަބޫލު ކުރެވުނަސް ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރައްވައެވެ. އެގޮތުން ސިއްހީ ނިޒާމާއި އާންމު ސިއްހަތުގެ ނިޒާމް ފެއިލްވ މިނިސްޓްރީގެ ކޯޑިނޭޗަން ގެއްލިފައިވާކަމުގެ އެތައް ހެކިތަކެއް ވިދާޅުވި އެވެ.

އެގޮތުން ވެކްސިން ދެވޭ ރޭޓު ދަށްވުމާއި މައިންނާއި ޅަދަރިން މަރުވުން އިތުރުވެފައިވާކަން ފާހަގަ ކުރި އެވެ. މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އާންމު އެހެން ބަލިތަކަށް ސަމާލުކަން ދޭވަރު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު އެހެން ބަލިތަކުގައި މަރުވާ މީހުން އިތުރުވެފައިވަނީ ގިނަ ފަހަރު ފަރުވާ ލިބުން ލަސްވެގެން ކަމަށް ވިދާޅުވި އެވެ.

ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްއެޗްގައި ނަން ނޯޓުކޮށްގެން ބަލިމީހުން އަހަރު ދެ އަހަރު މަޑު ކުރަން ޖެހިފައި އެބަ ހުރި ކަމަށް އެޓީމުން ވިދާޅުވިއެވެ. ހޮސްޕިޓަލުތަކުގައި އިހުމާލުގެ މައްސަލަތައް ބަލާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ކަންބޮޑުވުންވެސް އެ ބޭފުޅުން ފާޅުކުރިއެވެ.

އިތުރަށް ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ސިއްހީ ދާއިރާގައި ހުރި ގައިޑްލަައިންތަކާއި އެެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާކަމާއި އެ ގައިޑްލައިންތަކަށް އަމަލު ކުރޭތޯ ބަލާނެ މީހަކު ނެތް ކަމަށެވެ. މިހެންވުމުގެ ސަަބަބުން ބައެއް ކަންކަން މިނިސްޓްރީ ތެރެއިން ނިމިގެން ދަނީ ވަކި ބަޔަކު ބޭނުންވާގޮތަށެވެ.

ހެލްތް މިނިސްޓްރީ ތެރޭގައި މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ ބައި ނޯންނަކަން ފާހަގަ ކުރި އެވެ. މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމެނޭ ވެރިންނާއި މަޝޤވަރާ ކުރެއްވުމުގެ ބައްދަލު ކުރެއްވުންތައް މަސް ދުމަސްވާއިރު ވެސް ނުބާއްވާ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ނޭޝަނަލް މާސްޓާ ޕްލޭނެއް އޮންނަ ކަމަށާއި، ނަމަވެސް، އެއާ އެއްގޮތަށް އެއްވެސް ގޮތަކަށް އަމަލު ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ މިހާރު މިހާރު ބައެއް ބޭފުޅުންނަށް ނެތް އެއްޗަކަށް ވެއްޖެ ކަމަށް ވިދާޅުވިއެވެ.

މި ކަންބޮޑުވުންތަކުގެ އިތުރުންވެސް ބައެއް ވަކިވަކި މައްސަލަތައް އެ ބޭފުޅުން ފާޅުކުރެއްވިއެވެ. އެގޮތުން، ގިނަ އަދަދެއްގެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސާފައި ނުވުމުން އެ މަގާމުތައް ހުސްކޮށް ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ހޮސްޕިޓަލުތަކެއް ހަދަމުން ދިޔަޔަސް އެތަންތަނުގައި ސްޕެޝަލިސްޓު ހިދުމަތެއް ދެވޭތަން ފެންނަމުން ނުދާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް