މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެގައުމުގެ ޔުނިވާސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.
މިފުރުސަތުތަށް އިތުރުކޮށްދެއްވާފައިވަނީ، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވެވި ރަސްމީދަތުރުފުޅުގައި އެގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެންނެވެ.
މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައިވަނީ އަހަރު ފަސް ސްކޮލާޝިޕެވެ.
އެހެން ނަމަވެސް މޮރޮކޯ ސަރުކާރުގެ މި ނިންމުމުގެ ސަބަބަން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާޢިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ޚާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެއެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެއެވެ.
މޮރޮކޯއަކީ ދިވެހިރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ އަޙުވަންތަ ގައުމެކެވެ. މިގޮތުން، މިނިސްޓަރ ުޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދިވެހި ތާރީހުގައިވެސް ދިވެހި ހާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުން، މިދަތުރުފުޅުވެގެން ގޮސްފައިވަނީ މޮރޮކޯ އާއި ދިވެހިރާއްޖެއާ ދެމެދު ވާ ގާތްގުޅުމަށް އިތުރުވި ބޮޅަކަށެވެ.
މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުންނާއި، ތަރައްގީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން ވަނީ މަޝްވަރާތައްކުރެވިފައެވެ. ހަމައެއާއެކު މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު ހަތަރު ބައިލެޓްރަލް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް