ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދަނީ ބާ ކައުންސިލުންނެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުދެވޭގޮތަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިި ގާނޫނީ ފަންނުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެއްގައި އެވެ.
މި ގާނޫނު ތަަސްދީގު ކުރެއްވުމުން ބާ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގާނޫނީ ވަކީލުންނަށް ހާއްސަ ލައިސަންސިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި ތަމްރީންގައި ބައިވެރިވާން ބޭނުންވާ ވަކީލުން ރަޖިސްޓްރީ ވާން ޖެހެނީ ގޫގަލް ފޯމް މެދުވެރިކޮށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. ދަސްވެނިވެފައިވާ ދަރިވަރެއްނަމަ ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން ގާނޫނީ ވަކީލު ކަމުގެ ލައިސަންސް ލިބޭނީ ބާ ކައުންސިލުން ކުރިޔަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. އަދި ތަމްރީން ނިމޭ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް