ވިއްސާރައި ކުރެންދޫގެ 20 ގެއަކަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގެ 20 ގެއަކަށް ފެންވަދެއްޖެ އެވެ. ރޭ ފަތިހުން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހި ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައ އެވެ. އެމްއެންޑީއެފުން ބުނީ އެ ރަށުގައި ފެ...

08 Aug 2020 | 09:33

ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގެ 20 ގެއަކަށް ފެންވަދެއްޖެ އެވެ.

ރޭ ފަތިހުން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހި ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައ އެވެ. އެމްއެންޑީއެފުން ބުނީ އެ ރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. ނައިފަރު ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ކޮށްފައިވަނީ ހެނދުނު 9:30 ގައި އެވެ.

އިއްޔެވެސް އެމްއެންޑީއެފުން ވަނީ ކުރެންދޫގައި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައި އެވެ. އިއްޔެ ކުރި ވިއްސާރައިގަ ހަ ގެއަކަށް ވެން ވަދެފައިވެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ އިއްޔެވެސް ވަނީ ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންވެފައި އެވެ. އޭގެ ތެރޭގައި އެ އަތޮޅު ނައިފަރާއި ކުޅުދުއްފުށީ ސިޓީ ހިމެނެ އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެ އެވެ. އަދި އިތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރާއިރު ކަނޑުގެ ރާޅުގެ އުސްމިން 3-6 ގެ އުސްމިނުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެ އިދާރާއިން ވަނީ ކަނޑުދަތުރު ކުރުމުގައި އާއި އާންމު ދިރިއުޅުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް