މޯލްޑީވްސް ކަރެކްޝަނަށް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކަށް މިދިޔަ މަހު އެންމެ ގިނައިން ގަވައިދާ ހިލާފަށް ވައްދަން މަސައްކަތް ކުރީ އިލެކްޓްރޯނިކް ސާމާނާއި މަސްތުވާތަކެތި ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކަރެކްޝަންސް އިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު މާފުށީ ޖަލު، އައްސޭރި ޖަލު އަދި މާލޭ ޖަލަށް ގަވައިދާ ހިލާފަށް ވައްދަން އުޅުނު 44 ފޯނެއް އަތުލައިގެންފައިވާ ކަމަށެވެ. މިދިޔަ މަހު މާފުށީ ޖަލަށް ވައްދަން އުޅުނު 229 ގްރާމްގެ މަސްތުވާތަކެތި ހިފަހައްޓާފައިވެ އެވެ.
ތިން ޖަލަށް ވައްދަން އުޅުނު އިތުރު އެއްޗިއްސަށް ބަލާއިރު 38 ސިމްކާޑާއި 19 ފޯން ޗާޖަރާއި އެހެނިހެން ތަކެތީގެ ގޮތުގައ ޖަލަށް ވެއްދުން މަނާ 20 އަށްވުރެ ގިނަ ތަކެތި ވައްދަން މަސައްކަތް ކޮށްފައިވެ އެވެ.
އާންމުކޮށް ޖަލަށް ވެއްދުން މަނާއެއްޗެހި ވައްދަނީ ކާއެއްޗިއްސާއި ބޯއެއްޗެހި ހުންނަ ޕެކެޓުތަކާއި، ހަށިގަނޑު އެތެރެއަށް ލައިގެންނެވެ. އާންމުކޮށް ގަވައިދާ ހިލާފަށް އެއްޗެހި ވެއްދުމަށް ގައިދީންގެ އާއިލާތަކާއި މަދު ޕްރިޒަން އޮފިސަރުން ސިއްރުން އެހީތެރިވާކަމަށްވެ އެވެ.
އެކަމަކު މިދިޔަ މަހަކީ ކޯވިޑައި ގުޅިގެން އާއިލާތަކުން ގައިދީންނަށް ޒިޔާރަތް ކުރުން ބަންދު ކުރެވިފައި އޮތް މަހެކެވެ. މިދިޔަ މަހު ގަވައިދާ ހިލާފަށް ތަކެތި ވައްދަން މަސައްކަތް ކުރި ގޮތެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް