މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އަނެއްކާވެސް ސިޔާސީ ޕާޓިއެއް އުފައްދަން ނިންމަވައިފި އެވެ.
މަހާތިރުގެ އުމުރުފުޅުން މިހާރު 95 އަހަރެވެ. އާ ސިޔާސީ ޕާޓިއެއް އުފެއްދަވަނީ މެލޭޝިއާގައި ހެޔޮވެރިކަން ގެއްލި ކޮރަޕްޝަނާ ފަސާދަ އިތުރުވެ އަދި ރައްޔިތުންނަށް އިންސާފު ނުލިބުން ފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަމަށް މަހާތިރު ވިދާޅުވެފައިވެ އެވެ.
މަހާތިރު ޗެއާމަނަކަށް ހުންނަވާ އެ ޕާޓީއަށް ކިޔާނެ ނަމެއް އަދި ނުނިންމަވައެވެ. އެ ޕާޓީއަކީ މުސްލިމް މެޖޯރިޓީއެއް އޮންނާނެ ޕާޓީއަކަށް ވާނެ ކަމަށް މަހާތިރު ވިދާޅުވެފައިވެ އެވެ. އަދި މަހާތިރުގެ ޕާޓީއަށް ވަންނާނެ މަޖިލީހުގެ މެމްބަރުން އެބަތި ތިބިކަމަށް މަހާތިރާއި ހަވާލާ ދެއްވާ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
އަލަށް އުފައްދާ ސިޔާސީ ޕާޓީ ވެގެންދާނީ މެލޭޝިއާގެ މިހާރުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއަކަށް ކަމަށް ބުނެ އެވެ. އެކަމަކު ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީއަކާއި ކޯލިޝަން ނަހަދާނެ ކަމަށްވެސް މަހާތިރާއި ހަވާލާދެއްވާ ރިޕޯޓުތައް ބުނެ އެވެ.
މަހާތިރު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައި މިވަނީ އޭނާ އިސްކޮށް ހުންނަވައިގެން 2016 ވަނަ އަހަރު ރަޖިސްޓްރީކުރި ޕާޓީކަމަށްވާ މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕާޓީ ޕްރިބުމީ ބެރުސާތު މެލޭޝިއާ) އިން މިދިޔަ އަހަރު މަހާތީރު ބޭރުކޮށްލުމާ ގުޅިގެންނެވެ. އެ ޕާޓިން އޭނާ ބޭރުކޮށްލީ ބެރުސާތު ޕާޓީގެ އިސްބޭފުޅެއްކަމަށްވާ މުހްޔިއްދީން ޔާސީން އިސްކޮށް ހުންނަވައިގެން މަހާތީރުގެ ބާރު ކަނޑުވާލައި ބޮޑުވަޒީރުކަމުން އިސްތިއުފާދޭން މަހާތީރަށް މަޖްބޫރު ކުރުވުމުންނެވެ. މިއާއެކު މަހާތީރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް