ބ. ފެހެންދޫ ދަރިިވަރުން އެއަތޮޅު ގޮއިދުއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ސްކޫލް ފެރީ ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ.
އިއްޒުއްދީން ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ފަރާތުން މި ސްކޫލް ފެރީއާ ހަވާލުވެވަޑައިގަތީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިއާޒެވެ. މި ފެރީ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.
އާބާދީ ކުޑަވުމުން ފެހެންދޫގެ 26 ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށެވެ.
ފެހެންދޫގެ ދަރިވަރުންނަށް ރައްކާތެރިކަމާއި އެކު ދަތުރު ކުރުމަށް ސްޓޫޑެންޓް ފެރީ ހިދުމަތަކީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ ސޯޝަލް އިކޮނޮމިކް ޕްރޮޖެކްޓްސްގެ ދަށުން ފެށި ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް އަށް ވަނީ 2.5 މިލިއަން ރުފިޔާ ހަމަ ޖައްސާފައިވެއެވެ.
މި ރަސްމިއްޔާތު ފެހެންދޫގައި ކުރިއަށް ނުގެންދެވުނީ، ކޮވިޑް-19 އިން ރައްކާތެރިވާން ދަތުރުފަތުރުކުރުން މި ދުވަސްވަރު މަޑުޖައްސާލާފައި ވުމުންނެވެ.
މި ފެރީ ހަވާލުކުރުމުގެ ކުރިން، ފެހެންދޫ ދަރިވަރުން ބޭނުންކުރަމުން ދިޔައީ ހިޔާނުކޮށް އޮންނަ ކުޑަ ޑިންގީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް