ކައިވެނި އަދި ވަރީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރަނީ

ކައިވެނި އަދި ވަރީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ. ކޮމިއުނިކޭޝަން...

08 Jul 2020 | 14:27

ކައިވެނި އަދި ވަރީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ، މިނިސްޓަރު މުހައްމަދު މަލީހާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީޓީސީ) އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވަރި، ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމި ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މަލީހް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ދާދި ފަހުން ލޯންޗުކުރި "ގެމެން" ޕޯޓަލްގެ ބައެއްގެ ގޮތުގައި މި މައުލޫމާތު ވާތީ އާއި، އަދި އެ ޕޯޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް މި މައުލޫމާތު މުހިންމުވުން ހިމެނެ އެވެ.

ގެމެން ޕޯޓަލް ބޭނުން ކުރަން ފެށުމުން އުފަން ދުވަހު ސެޓްފިކެޓް ހައްދަން ކައުންސިލްތަކަށް ހުށަހެޅުން ވެސް ނިމުމަކަށް ގެނެވި، އުފަންވާ ކުދިންނާއި މަރުވާ މީހުުންގެ މައުލޫމާތު އެއް ތަނަކުން ބެލޭނެ ނިޒާމެއް ވަނީ ގާއިމްކޮށްފަ އެވެ.

ގެމެން ޕޯޓަލް ފުރިހަމަ ވެގެންދާއިރުގައި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށްވެސް މީގެއިން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އަދި މަސައްކަތްތަކުގެ ހަރަދު ކުޑަވެ، އަވަސް ދުވެލީގައި ކުރިއަށް ގެންދެވޭނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން މި މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރެވޭކަމަށްވެސް މިނިސްޓްރީން އިތުރަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް