އެންއައިސީގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސަށް އަންގަން ކޮމިޓީއިން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް އާއި އެކު ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ...

08 Jul 2020 | 09:35

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް އާއި އެކު ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެންއައިސީގެ މެމްބަރުންގެ މައްސަލަތަކެއް އެ ކޮމިޓީން ބަލަން ފެށިއިރު، އެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވެސް ނަގާފައި ވެއެވެ. މި މައްސަލައިގެ ތަހުގީގަށް އެ ކޮމިޝަނުގެ މެމްބަރުންތަކެއް ވެސް ހާޒިރުކޮށް ސުވާލުކޮށްފަައިވެއެވެ.

ކޮމިޓީއިން އެކުލަވާލި ސަބް ކޮމިޓީން ދިރާސާ ކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންނާ މެދު ކޮމިޝަނުން އަމަލު ކުރި ގޮތެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރާ ކަމަށްވެއެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲއެވެ.

އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ޖިހާދެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނަ ކަމަށް ބުނެފައިވާތީ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް