ސީރިއަސް ބަލިތަކުގެ ފަރުވާއަށް އަމިއްލަ ހަރަދުގައި އިންޑިއާއަށް ދެވޭގޮތަށް ހަމަޖެހިއްޖެ

ސީރިއަސް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަމިއްލަ ހަރަދުގައި އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަ...

08 Jul 2020 | 08:58

ސީރިއަސް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަމިއްލަ ހަރަދުގައި އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލައި އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ މިހާރު ހަތަރު މަސްވަނީ އެވެ. އެހެންވެ ރާއްޖެއިން ފަރުވާ ދެވެން ނެތް ބޮޑެތި ބަލިތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދާ މީހުންނަށް އިންޑިއާއަށް ދެވޭނެ ގޮތެއް ހަމަޖެހުނީ ދެ މަހެއްހާ ދުވަސް ވަންދެން އާސަންދަ ކުންފުންޏާއި ފޮރިން މިނިސްޓްރީން ކުރި މަސައްކަތުންނެވެ.

މިއަދު ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ މީހުންނަށް ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާސަންދަ މެދުވެރިކޮށް ނޫނަސް އަމިއްލަ ހަރަދުގައި ފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ބުނެ އެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކުން ޖެހެނީ ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމެންޓަށް މެއިލް މެދުވެރިކޮށް އެދޭށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު 7983400 އަށް ގުޅުމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދަތުރު ކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މެޑިކަލް ވިސާ ހޯދަން ޖެހެ އެވެ. ފޮރިން މިނިސްޓްރީން ހުއްދަ ދިން ކަމުގައިވިޔަސް އިންޑިއާއަށް ދިއުމުގެ ހުއްދަ ދެވޭނީ އެގައުމުން ބަލާ ކަންކަން ބެލުމަށް ފަހު ހުއްދެދޭ ވަކި އަދަދެއްގެ ބަޔަށެވެ.

މި ހުއްދައިގެ ދަށުން އިންޑިއާއަށް ދާ ފަރާތްތަކުން ކަރަންޓީންވުމާއި އެ ގައުމުގައި ތިބުމާއި ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ އަމިއްލައަށެވެ.

ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވަނިކޮށް އިންޑިއާއިން ދިން މި ހުއްދައަކީ ގައުމަކުން ރާއްޖެއަށް ދިން މިފަދަ ފުރަތަމަ ހުއްދަ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް