މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ދެ ބަޔާނަކަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މީރާ 205 (ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން) އަދި މީރާ 206 (ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާން) އަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ޖީއެސްޓީ ބަޔާނުގެ ފުރަތަމަ ސޮފްހާގެ އަށްވަނަ އައިޓަމްގައި "އަނބުރާ ނުލިބޭ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީ އަދަދަށް" ބަދަލުކޮށްފައި ވާނެ ކަމަށް އެ އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.
މީރާއިން ބުނީ، މި އައިޓަމްގައި ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ހިމަނަންޖެހޭނީ އަނބުރާ ނުލިބޭނެ ދަރަންޏަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދު ކަމަށާއި، މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި އަދަދު ހުށަހެޅުމުގެ ކުރިން މީރާގެ ހުއްދަ ހޯދާކަށްވެސް ނުޖެހޭނެ ކަމަށެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީއަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މީރާ އަށް ހުށަހަޅަންޖެެހޭނީ ޖީއެސްޓީ ބަޔާނުގެ ވާޝަން 20.1 ކަމަށާއި، މި ވާޝަން އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް މިރާއިން އާންމުކުރި ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
ޖީއެސްޓީ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުން ޖީއެސްޓީގެ ގޮތުގައި 6 އިންސައްތަ ނަގާއިރު، ޓުއަރިޒަމް ދާއިރާއިން މި އަދަދު ދެ ގުނަކޮށް 12 އިންސައްތަ ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހެއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއެކު މީރާ އިން ވަނީ ޓީޖީއެސްޓީ ދިވެހި ރުފިޔާ އިން ދެއްކޭނެ އިންތިޒާމު ވެސް ހަމަަޖައްސައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް