ޔޫއޭއީން ރާއްޖެއަށް ޕީސީއާރު މެޝިނަކާއިއެކު 77 މިލިއަން ރުފިޔާގެ އެހީ ދީފި

ކޯވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް އަރަބި އެމނިރޭޓްސްއިން ރާއްޖެއަށް77.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ރިއަލް ޓައިމް ޕ...

08 Jun 2020 | 11:11

ކޯވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް އަރަބި އެމނިރޭޓްސްއިން ރާއްޖެއަށް77.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ރިއަލް ޓައިމް ޕީސީއާރު މެޝިނަކާއި ޕީސީއާރް އެކްސްޓްރެކްޝަން މެޝިނުގެ އިތުރުން 30،000 ކޮވިޑް ޓެސްޓަށް ހެދޭ ޕީސީއާރް ކިޓް، ޕީޕީއީ، އަންގި، މާސްކު އަދި ހޭންޑް ސެނިޓައިޒާ ހިމެނެ އެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސްގެ ހާއްސަ މަތިންދާ ބޯޓެއްގައި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ މި ދަތި ވަގުތު ޔޫއޭއީ ސަރުކާރުން ދިން ބޮޑު އެހީތެރިކަމަށް ޔޫއޭއީގެ  ސަރުކާރަށް ހާއްސަ ޝުކުރެއް އަަދާކުރައްވާ ކަމަށެވެ. މި އެހީ ދީފައި މިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނަށް އޭޕްރިލް 10 ގައި ޝާހިދު ގުޅުއްވައި ރާއްޖޭގެ ހާލަތުގެ މައުލޫމާތު ދެއްްވާފައި ވަނިކޮށެވެ.

ޔޫއޭއީން ހަދިޔާކުރި ޕީސީއާރު މެޝިނަކީ ގަޑިއަކު 96 ސާމްޕަލް ޓެސްޓު ކުރެވޭ މެޝިނެކެވެ.

ޔޫއޭއީއިން ހަދިޔާ ކުރި ތަކެތި:

- ދެ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް

- ޕީސީއާރް އެކްސްޓްރެކްޝަން މެޝިނެއް

- 30،000 ޕީސީއާރް ޑަަޔަގްނޯސްޓިކް ކިޓް

- 75،000 ޕާސަނަލް ޕްރޮޓެކްޝަން ގައުންސް

- 10،000 ފޭސް ޝީލްޑް

- 2.5 މިލިއަން ސާޖިކަލް މާސްކް

- 225،000 ކޭއެން 95 މާސްކް

- 100،000 ފުޅި ސެނިޓައިޒާ

ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ. އަދި "ނިއު ނޯމަލް" އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް