ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ގައި ދުރުކަމާއި އެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަ އިރު އަޅައިގެން ހުންނަ މާސްކުގައި އަތް ނުލާން މެންބަރުން ހަނދުމަފުޅު ބަހައްޓަވަން ޖެހޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަޝްރަފު ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންގައި ވަނިކޮށް ތަޅުމުގައި ޖަލްސާތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ވަކި އުސޫލުތަކަކާއި އެއްގޮތަށް އަމަލު ކުރުމަށް އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އިޖްތިމާއީ ގައި ދުރުކަން ތަޅުމުގައި ބެހެއްޓުމާއި މާސްކު އެޅުމާއި ތަޅުމަށް ވަންނަ އިރު ހުރިހާ މެންބަރުންގެ ޓެމްޕަރޭޗާ ބެލުން ހިމެނެ އެވެ.
މިއަދު ޑރ. އަޝްރަފް ކުރެއްވި ޓުވީޓެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޓެގް ކުރައްވާ ވިދާޅުވެފައިވަނީ މެންބަރުން އަޅައިގެން ހުންނަވާ ފޭސް މާސްކުގައި އަތް ނުލުމަށް ރިޔާސަތުން އަންގައިދިނުން މުހިންމު ކަމަށެވެ. މާސްކު ރަނގަޅު ކުރަން ބޭނުން ނަމަ މާސްކުގައި އަތްލުމުގެ ކުރިންނާއި ފަހުން އަތް ސާފުކޮށް ދޮވުމަށް މެންބަރުން ހަނދާން ކުރައްވަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެޗްޕީއޭ އާއި ކަމާ ބެހޭ ފަރާތްތަކުގެ ސިއްހީ އިރުޝާދުތައް އަހަން ޖެހޭ ކަމަށެވެ. ކޯވިޑް-19 އިން އަވަށް ގައުމު ސަލާމަތް ކުރެވޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.
https://twitter.com/DrM_Ashraf/status/1269886608842473479
ޑރ. އަޝްރަފް މިހެން ވިދާޅުވި އިރު އާންމުކޮށް މާސްކު އަޅައިގެން އުޅެވިފައި ނުވާތީ މާސްކު އަޅައިގެން މަޖިލީހުގައި ވާހަކަ ދެއްކުން ވެފައިވަނީ މެންބަރުންނަށް ވަރަށް އުނދަގޫ ކަމަކަށެވެ. ފުރަތަމަ ދެ ތިން ދުވަހު ޖަލްސާގައި ވާހަކަ ދައްކަވާއިރު މެންބަރުން އަބަދުވެސް އުޅެން ޖެހިފައިވަނީ މާސްކު ރަނގަޅު ކުރަމުން ވާހަކަ ދައްކަވާށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ވަކި އުސޫލުތަކަކާއި އެކު ދިން އިރު މިދިޔަ ހަފްތާގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. އެ ވަގުތު އިޖްތިމާއީ ގައިދުރުކަން ބެހެއްޓިފައި ނުވާއިރު ބައެއް މެންބަރުން ތިއްބެވީ މާސްކު އަޅައިގެންނެތްވެސް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް