ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ޖަލު ހުކުމް ތަންފީޒު ކުރެއްވި އިރު އާއި މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިރު ހުރި ތަފާތު ޝެއިހް އިމްރާންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެ ދެއްވައިފި އެވެ.
ޑރ. ޝަހީމް އެ ތަފާތުތައް ބުނެދެއްވީ ޝެއިހް އިމްރާން ޖަލުގައި ހުންނެވި ދުވަސްވަރަށް ވުރެ މިހާރު ރައީސް ޔާމީނަށް ލިބިވަޑައިގެންނަވާ ވަސީލަތްތައް އިތުރުވާނެ ކަމަށް ރޭ ސަންގު ޓީވީގައި މިނިސްޓަރު ވިދާޅުވުމުންނެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝެއިހް އިމްރާން ޖަލު ހުކުމުގެ ބޮޑުބައި ފުރިހަމަ ކުރެއްވީ ގޭގައި ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް އިމްރާން ހުންނެވީ ގޭގައި ކަމަށެވެ.
އީދު ދުވަހާއި ރޯދަ މަހުގެ އިތުރުން ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވި އިރުވެސް އިމްރާން ހުންނެވީ ގޭގައި އާއިލާ ކައިރީގައި ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ޝެއިހް އިމްރާން ޖަލަށްވުރެ ގިނަ ދުވަހު ހޭދަ ކުރެއްވީ ގޭގައި ކަމަށެވެ.
ޝަހީމް ވިދާޅުވީ ތަފާތަކީ ރައީސް ޔާމީން ޖަލަށް ހުކުމް ކުރީން ސުރެ ހުކުމް ތަންފީޒު ކުރައްވަމުން އެ ގެންދަވަނީ ޖަލުގައި ކަމަށެވެ. އެހެންވެ ޑރ. ޝަހީމް ވަނީ ރައީސް ޔާމީންވެސް ގެއަށް ބަދަލު ކޮށްދެއްވުމަށް ގޮވާލައްވާފައި އެވެ.
ކޯވިޑާއި ގުޅިގެން ބައެއް ކުށްވެރިން ދޫކޮށްލި އިރު ރައީސް ޔާމީން މިނިވަން ނުކޮށް ނުވަތަ ގޭ ބަންދަށް ބަދަލު ނުކުރާތީ އިދިކޮޅުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އެކަމަކު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒު ކުރުމާއި ގުޅޭގޮތުން މި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހަމައެކަނި ރައީސް ޔާމީން ޖަލު ހުންނަވަން ޖެހުމުން އެ މައްސަލައިގަ އިންސާފު ހޯދުނު ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމީނުގެ ބައިވެރިއެއް ކަމަށް ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. ޖަލަށް ލުމުގެ އިތުރުން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް