"ބޭބޭ އަހަރެންގެ ބޭސްސިޓީ އަހަރެންނަށް ދައްކާލަބަލަ..ބަލާލަން ބޭނުން.." އަހަރެން އޭގައި ޑޮކްޓަރު ލިޔެފައި ހުރީ ކޯއްޗެއްތޯ ބަލާލަން އަހަރެން ބޭނުންވިއެވެ.
"އަން މިއޮތީ…" ބޭބެ އަހަރެންއަތަށް ބޭސްސިޓީ ދިނެވެ.
ބޭސް ސިޓީއަށް ނަޒަރު ހިންގާލުނުން އަހަރެންނަށް ފާހަގަވީ ޑޮކްޓަރު އަހަރެން 'ޑައިގްނޯސް' ކުރައްވާފައި ވަނީ 'ޑިޕްރެޝަން' އަށް ކަމެވެ.
+++++++++++++
އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އަހަރެން ޑިޕްރެޝަންއަށް ޑައިގްނޯސްވާންވީ ކީއްވެހެއްޔެވެ. އަހަރެންނަކަށް ނުވިސްނެއެވެ.
އަހަރެން ވަކި އެއްޗެއް ނުބުނެ ބޭބެ އަތަށް އަނބުރާ ބޭސް ސިޓީ ދިނީމެވެ.
ހަމަ އެދުވަހު ޑޮކްޓަރު އަހަރެންނަށް ދެއްވާފައި ހުރިބޭސް، ބޭބެގެ ބެލުމުގެ ދަށުން މަންމަ ލައްވާ ގަޑިންގަޑިއަށް އަހަރެންނަށް ދޭން ފެށިއެވެ. އެ ބޭސްތައް ކާން ފެށުމުން އަހަރެންނަށް ގިނަ ވަގުތު ނިދެނީއެވެ.
"އިފާ.. އަބަދު ތި އޮންނަނީ މިހާރު ނިދާފައި… ތެދުވެލާ ކޮޓަރިން ނިކުމެލާ ހެދީމަ ކަންނޭނގެ ދޯ ރަނގަޅުވާނީވެސް.."
މަންމަ އަހަރެން އަބަދު އެނދުގައި އޮތުމާއި، ނިދާލެއް ގިނަ ކަމުން ހިތްހަމަ ނުޖެހިގެން ހުރެ ބުންޏެވެ.
"މަންމާ.. މި ބޭސް ކެއީމަ.. ނިދި އަންނަނީ ހަމަ..ތެދުވާހިތްވެސް ނުވޭ އެނދުން.. ހުންނަނީ ވަރުދެރަވެ، ވަރުބަލިވެސް ވާގޮތްވެފައި.." އަހަރެން މަންމައަށް ކިޔައިދިނީމެވެ.
"ތެދުވީމައޭ ތެދުވެވޭނީ.. އޮތީމަ ނިދޭނީނު.." މަންމަގެ ހިތްހަމަޖެހުން ކުޑަވިހެނެތް ހިޔެއް ނުވެއެވެ.
އަހަރެން އެއަށް ޖަވާބު ނުދޭން ނިންމީމެވެ.
+++++++++++++
އޭގެ ހަފްތާއެއް ފަހުން، ބޭބެ އަހަރެން 'ސައިކޯތެރަޕިސްޓް' އެއްގެ ކައިރިއަށް ގެންދިޔައެވެ. އަހަރެން އެ 'ރޫމަށް' ވައްދާފައި ބޭބެ ބޭރުގައި އިނެވެ. އެއްގަޑިއިރަށްފަހު އަހަރެން ނިކުތީމެވެ. ބޭބެ އަހަރެންނަކާއި ސުވާލެއް ނުކުރެއެވެ.
ތެރަޕިސްޓް އަހަރެން ލައްވާ ބައެއް 'އެސެސްމަންޓް' ތައް ހެދުވިއެވެ. އަދި އަހަރެން މަދުވެގެން ހަ ހަފްތާ ތެރަޕީ ނެގުމަށް އަންނަންޖެހޭނެ ކަމަށް ބުންޏެވެ. އެއީ ހަފްތާއަކު އެއް ދުވަހުގެ، އެއްގަޑިއިރެވެ.
ތިން ސެޝަންއަށް ބޭބެ އަހަރެން ގޮވައިގެން ދިޔަފަހުން، އަހަރެންނަށް ފާހަގަވީ، އަހަރެން ކުރިން ވިސްނާގޮތް ބަދަލުވާން ފަށައިފިކަމެވެ. އަނެއްކާ ސައިކެޓްރިކް ޑޮކްޓަރ އަރިހަށްގޮސް ބޭހުގެ ޑޯޒް ކުޑަކުރީމެވެ. ބޭސް ކެއުން މަދުކޮށް، ބޭހާއި ނުލާ އުޅެން ދަސްކުރުގެ ބޭނުމުގައެވެ.
ބޭބެއާއި ދައްތަ އަހަރެންނަށް ވަރަށް ރަނގަޅެވެ. މަންމަވެސް އެހީތެރިވެދެއެވެ. އެހެނަސް، މަންމައަށް އަހަރެން ތަޙައްމަލް ކުރަމުންދާ 'ވޭން' މާބޮޑަށް ނޭނގޭ ކަހަލައެވެ. ނަމަވެސް، މަންމަ އަހަރެންގާތު ހުރުމުން އަހަރެންނަށް ހިތްހަމަޖެހުން ލިބެއެވެ.
+++++++++++
އޭގެ އެއްމަސްފަހުން ބޭބެވެސް ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނިކުމެއްޖެއެވެ. ތުއްތަ ވެސް ތެދުވެ އުޅެން ފަށައިފިއެވެ. އަހަރެންވެސް ގިނަ ވަގުތު ގޭގެ ސިޓިންރޫމްގައި ހޭދަކުރަން ފަށައިފީމެވެ. ނިދިވެސް ހަމައަކަށް އެޅެން ފަށައިފިއެވެ. ލީޝާ އާއި ހުވޭ ވެސް އައިސް، ކޮންމެވެސް ވަރަކަށް އަހަރެން ބޭރަށް ނެރެއެވެ.
އެއްރެއަކު، އަހަރުމެން ބޭރަށްގޮސް އައިއިރު، ގޭތެރެ އޮތީ އަނދިރިކޮށެވެ.
"ގޭތެރެ ހާދަ އަނދިރިއޭ..!.." މިހިން ބުނެފައި އަހަރެން ގޭގެ ސިޓިންރޫމް ހޮޅިބުރި ދިއްލީމެވެ.
"ސަރޕްރައިޒް!!!!…" ތުއްތަ އަޑުގެނެތްތަނަށް ހަޅޭލަވާގަތެވެ. އަހަރެން ސިއްސައިގެން ގޮސް ބަލައިލިއިރު ތުއްތައާއި، ބޭބެއާއި، މަންމަވެސް ހުއްޓެވެ. ލީޝާ އާއި ހުވޭ މާބޮޑަށް ހައިރާން ވީ ހެނެއް އަހަރެންނަކަށް ހިޔެއް ނުވެއެވެ.
ސިޓިންރޫމް ވަނީ ފުއްޕާހަމުން ޑެކަރޭޓްކޮށްފައެވެ. މޭޒުމަތީ ކޭކެއްވެސް އިނެވެ.
"ކާކުގެ އުފަންދުވަހެއް؟..ނޮޓް މައިން ފޮރ ޝުއަރ..!" އަހަރެން ހައިރާން ކަމާއި އެކު ފަހަރަކު މީހެއްގެ މޫނަށް ބަލާލީމެވެ. ލީޝާއާއި ހުވޭ ހަމައެކައްޗެއްވެސް ނުބުނެ ތިއްބެވެ.
"އިފާ…. ކަމް… އިޓްސް ޔުއަރ ކޭކް! އާދޭ ފަޅާލަން.." ތުއްތަ ވަރަށް އުފާވެފައި ހުރެ ބުންޏެވެ.
އަހަރެން މަޑުމަޑުން މޭޒުގެ އަނެއްފަރާތަށް ގޮސް ކޭކަށް ބަލާލީމެވެ. އޭގައި އެއްޗެއް ލިޔެފައި އިނެވެ. އަހަރެން ކިޔާލީމެވެ.
"ޔޫ އާ ގޮނަ ބީ އެން އާންޓް ސޫން!" މިހިން ލިޔެފައި އިނެވެ.
"އޯ..މައި…ގޯޑް!.. އޯމައިގޯޑް!! ހައު އެކްސައިޓިންގ އިޒްދިސް! " އަހަރެންނަށް އަޑުގެނެތްތަނަށް ހަޅޭލަވާގަނެވިފައި، ތުއްތަގައިގައި ބައްދާގަނެވުނެވެ. ބޭބެގައިގައިވެސް އުފަލުން އަހަރެންނަށް ބައްދާލެވުނެވެ. މަންމަގައިގައިވެސް ބައްދާލެވުނެވެ. އަހަރެން އަލަށް ބޮޑުދައިތައަކަށް ވަނީއެވެ. މަންމަ އަލަށް މާމައަކަށްވަނީއެވެ. އަހަރެންވެފައި ހުރި އުފާ އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ.
އެދުވަހު އަހަރުމެން އެންމެން އުފާވެރި މާހައުލެއްގައި އެ އުފާވެރި ވަގުތު ހޭދަކުރީމެވެ. ތުއްތަ ބަލިވެ އުޅުނީ އެހެންވެގެންނެވެ. އަޅެ އަހަރެންނަށް ރޭކާވެސް ނުލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެވާހަކަ އަހަރެން ތުއްތަގާތު ބުނުމުން، އަހަރެން ދެރަނުވުމަށާއި، އޭރު އަހަރެންވެސް ބޮޑު ކަމެއް ތަޙައްމަލް ކުރަމުން ދިޔަކަމުން އެކަން އެގޮތަށް ވެދާނެކަމުގައި ބޭބެ އަހަރެންނަށް ވިސްނައިދިނެވެ.
++++++++++
އަހަރެންވެސް މަޑުމަޑުން ތުއްތައަށް އަޅާލަންފެށީމެވެ. ވަރަށް ޒަމާންފަހުން 'ލުކް ފޯވަޑް' ކުރާނެ ކަމެއް އަހަރެންނަށް ފެނުމުން އަހަރެން ދިރިހުރުމުގެ އުއްމީދު އާލާވީ ކަހަލައެވެ.
ތެރަޕީއަށްވެސް އަހަރެން އެކަނި ދާން ފަށައިފީމެވެ. އަހަރެން ބޭނުންވީ، ވީ އެންމެ އަވަހަކަށް ރަނގަޅުވެގެން ތުއްތައަށް އެހީތެރިވެދޭށެވެ. އަދި ތުއްތަ ވިހަންވާއިރަށް އެއްކޮށް މިކަމުގެ ތެރެއިން ނިކުންނާށެވެ. ތުއްތައަށް އަހަރެންގެ އެހީތެރިކަން އެންމެ ބޭނުންވާނެ ދުވަހު، އެހީތެރިކަން އަހަރެން ދޭން ބޭނުންވާތީއެވެ. އަހަރެންނަށްވެސް ތުއްތައާއި ބޭބެގެ އެހީތެރިކަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލިބެމުންދާތީއެވެ.
ހަ ހަފްތާއަށްފަހު އަހަރެން ތެރަޕީ ހުއްޓައިލީމެވެ. އަހަރެން ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ ކަމުގެ އިޙްޞާޞް ވިއެވެ. ނަމަވެސް ބޭސް އަދިވެސް ކަމެވެ. އެހެނަސް ކުރިއަށްވުރެވެސް ޑޯޒް މަދުކޮށެވެ. ތެރަޕިސްޓް ވިދާޅުވިހެން އަމިއްލައަށްވެސް ކުރާހިތްވާ ބައެއް ކަންތައް ކުރަމެވެ. އެގޮތުން އަހަރެން ކޭކުއަޅަންފެށީމެވެ. ރައްޓެހި ކުދިންނަށެވެ. ވިޔަފާރީގެ ގޮތަކު ނޫނެވެ. ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ.
++++++++++
ބޭބެ ޑިއުޓީގައި ވީ ދުވަހެކެވެ. ތުއްތަ ގޮވައިގެން ސްކޭން ކުރަން ހޮސްޕިޓަލަށް ގޮސް ސްކޭން ރޫމް ބޭރުގައި އަހަރެންނާއި ތުއްތަ އިނީމެވެ.
ކުއްލިއަކަށް އަހަރެންނަށް ފެނުނީ ޒައިދާން ކުޑަ ބޭބީއެއް ގޮވައިގެން ވެކްސިން ރޫމުން ނިކުތްތަނެވެ. ކައިރީގައި ޝިފޫ ހުއްޓެވެ. ޒައިދާންއަށްވެސް އަހަރެން ފެނުނެވެ. ޝިފޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ޝިފޫ ވިހެއީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އެންމެ ފެންނަން ބޭނުން ނުވާ މަންޒަރުވެސް އެންމެފަހުން އަހަރެންނަށް ފެނި ނިމުނީއެވެ. އަހަރެންގެ ހިތަށް ތަދެއް އިޙްޞާޞް ކުރެވުނެވެ. އެހެނަސް އަހަރެން އެ ތަދުވެސް އެގަޑީގައި ތަޙައްމަލް ކުރީމެވެ. މިހާރު އެފަދަ ކަންތައްތަކުގައި ރުއިމަކީ ބޭކާރު ކަމެއްކަމުގައި އަހަރެންގެ ޒަމީރަށް، އަހަރެން ވިސްނާދިނީމެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް