ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ހާލަތުގައި ބޭނުން ކުރަން މެތް ޓެކް މޯލްޑިވްސް އާއި ގެންނަ ހަވާލު ކުރި އައިސީޔޫ ވެންޓިލޭޓަރުތައް ގެންނަން ސްރީލަންކަންގެ ހާއްސަ ފްލައިޓެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސް އިން ބުނީ އެ ކުންފުންޏާއި ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އައިސީޔޫގައި ބޭނުން ކުރާ18 ވެންޓިލޭޓަރު ކުރިން ހަމަޖެހިފައި އޮތީ މިއަދު ރާއްޖެ އަންނަ ގޮތަށް ކަމަށެވެ. އެކަމަކު ދިމާވި މައްސަލައަކުން މިއަދި ގެނެވޭގޮތް ވެފައި ނުވާތީ އެކުންފުނިން ނިންމާފައިވަނީ އެ ވެންޓިލެޓަރުތައް ގެންނަން އަންނަ އާދިއްތަ ދުވަހު ރާއްޖެއަށް ހާއްސަ ފްލައިޓެއް ބާއްވާށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ވެންޓިލޭޓަރުތައް މިއަދު ގެނެވޭގޮތް ނުވީ އެ ބޯޓުގެ ޖާގައިގެ މައްސަަލައެއް ދިމާވެގެން ކަމަށެވެ. އެހެންވެ ވަކި ހާއްސަ ފްލައިޓެއް ވެންޓިލޭޓަރުތައް ގެންނަން ބާއްވަން ނިންމީ މިކަން އަވަސް ކުރުމަށް ކަމަށެވެ.
ފިރާގު އިތުރަށް ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު ބާއްވާ ފްލައިޓް 'ޔޫއެލް 101' ގައި އިސްކަންދޭނީ ވެންޓިލޭޓަރުތައް ގެންނަން ކަމަށެވެ. ކޯވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތިބީ ގައުމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
https://twitter.com/mohamedfiraq/status/1258724326053777408
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް