ޑރ. ޝީނާގެ ކަންބޮޑުވުން ޓެސްޓު ކުރުން މަދުވުން، މަބްރޫކް: އިތުރު ގޮތެއް އަދި ނެތް!

ރާއްޖޭގައި ކޯވިޑް ފެތުރެމުން ނުރައްކާތެރި ހާލަތަކާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު މަދުވުން ކަމަށް މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދ...

07 May 2020 | 22:46

ރާއްޖޭގައި ކޯވިޑް ފެތުރެމުން ނުރައްކާތެރި ހާލަތަކާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު މަދުވުން ކަމަށް މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 300-400 ދެމެދުގެ ސާމްޕަލެވެ. އެއީ އައިޖީއެމްއެޗުގެ ދެ މެޝިނާއި ފުލުހުންގެ ލެބޯޓްރީގައި ހުންނަ މެޝިނަކުންނެވެ.

ކުރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމުވެސް އަދާ ކުރައްވާފައިވާ ޑރ. ޝިނާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާއިރު ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދު މަދުވަނީ ޓެސްޓު ކުރެވޭލެއް މަދު ކަމުން ކަމަށެވެ. އޭނާ ވިދާޅުވީ ރަނގަޅު ޓެސްޓިން ކެޕޭސިޓީއެއްގައި ކޯވިޑަށް ޓެސްޓު ކުރެވެމުންދާ ނަމަ ދުވާލެއްގެ މައްޗަށް300 މީހުން ޕޮސިޓިވްވާނެ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރުވެސް އެޗްޕީއޭ އިން އާންމުންގެ މެދުގައި ބަލި ފެތުރެމުންދާ މިންވަރު ދެނެގަންނަން ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށެވެ. އަދި ފްލޫ ކްލިނިކްތަކުން ވެސް ޓެސްޓު ކުރަމުންދާއިރު އަދިވެސް ޓެސްޓު ކުރެވޭ މިންވަރު އިތުރުކޮށްގެން ނޫނީ މިހާރު ބަލި ފެތުރެމުންދާ މިންވަރު ދެނެގަންނަން އުނދަގޫ ވާނެ ކަމަށެވެ.

އެކަށީގެންވާ ގޮތެއްގައި ޓެސްޓް ނުކުރެވޭތީ އޭގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. މުޅި ދުނިޔޭގައި ބަލި ފެތުރެމުންދާތީ ރާއްޖެ އަށް ބޭނުންވާ އަދަދަށް މެޝިން ނުލިބިދާނެ ކަމަށާއި އެއީ މި ހާލަތުގައި އެހެން ގައުމުތަކަށް ވެސް އޮތް ދައްޗެއް ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާގެ މި ވާހަތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ބަލި ފެތުރެމުންދާ މިންވަރު ދެނެގަތުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޓެސްޓު ކުރެވޭ މިންވަރު ދަށްވުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުގެވެސް ވަރަށް ބޮޑުކަންބޮޑުވުމެއް ކަމަށާއި އެކަމަކު މިވަގުތު އިތުރު ކޮޅެއް މިކަމުގައި ހޯދިފައި ނެތް ކަމަށެވެ.

އައިޖީއެމްއެޗުގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ އެ މެޝިނު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ17 ވަނަ ދުވަހު އެވެ. އެ މެޝިނު ލިބުމުން އިތުރު200 ސާމްޕަލް ދުވާލަކު ޓެސްޓު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމުގެ ކުރިން ސަރުކާރުން ވަނީ މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެ މަސައްކަތް ކުރަން އުޅުނީ ފަސް ހޮސްޕިޓަލެއްގައި ހުރި ޓީބީ ޓެސްޓު ކުރާ މެޝިނަށް ކާޓްރިޖެއް ލައްވައިގެން ކަމަށް އޭރު ސަރުކާރުން ބުންޏެވެ.

އެކަމަކު އަދިވެސް އެ ކާޓްރިޖްތައް ރާއްޖެ ގެނެވިފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއިން648 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ތިން މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް