ވޭތުވެ ދިޔަ 72 އަހަރު ނުހޯދުނު ކުރިއެރުމެއް މި ސަރުކާރުގެ 2 އަހަރު ތެރޭ!

ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ 72 އަހަރުގެ މާޒީގައި މިސަރުކާރު އައުމުގެ ކުރިން އަތޮޅުތެރޭގައި 153 މެގަވޮޓާއި ހަމަޔަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އޮތް ނަމަވެސް، މި ސަރުކާރުން އެކަނި 2 އަހަރ...

08 Apr 2021 | 18:14

ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ 72 އަހަރުގެ މާޒީގައި މިސަރުކާރު އައުމުގެ ކުރިން އަތޮޅުތެރޭގައި 153 މެގަވޮޓާއި ހަމަޔަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އޮތް ނަމަވެސް، މި ސަރުކާރުން އެކަނި 2 އަހަރުތެރޭގައި މާލެ ސަރަޙައްދުން ބޭރުގައި 180 މެގަވޮޓް ކަރަންޓު އިތުރަށް އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށްފައި އޮތުމުން އެއީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ، އއ. ރަސްދޫގައި ބޭއްވެވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވަމުން އަންނަ ކަރަންޓުގެ ދަތިތައް ޙައްލު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަފްޞީލުކޮށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި އަލަށް ގެނައި 176 ޖަނަރޭޓަރުގެ އެހީއާއި، އަލަށް ވަޅުވި 402،303 މީޓަރުގެ ކޭބަލް ގެ އެހީއާއި، ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ އިންޖީނުގެތަކުގެ އެހީ އަދި، އިއާދަކުރަނިވި ޙަކަތައިން ކަރަންޓު އުފެއްދުމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ލިބޭނެކަން ކަށަވަރު ކުރެވިއްޖެކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތަށް 487 ދަނޑުވެރިއަކާއެކު ސޮއިކޮށްފައިވާ ކަމަށާއި، ޖުމްލަ 12 އަތޮޅެއްގެ 35 ރަށެއްގެ ދަނޑުވެރިން މި މަސައްކަތުގައި ޙަރަކާތްތެރިވަމުން އަންނަކަމުގައި ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބައްލަވާލައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކަރަންޓާއި އެއްފަދައިން، މިއިން ޒަމާނަކު ނެތް ވަރަށް އައިސްޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ މި ސަރުކާރުގައި އިތުރުކުރުމުގެ މަސައްކަތްކުރިޔަށްދާ ކަމަށެވެ. އަދި، މި ލަނޑުދަނޑި ހާސިލުވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ޤާއިމުކުރެވޭނެކަމަށާއި، އިތުރު 9،700 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަލަށް ޤާއިމުވެ ނިމޭނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް