ކުރިޔަށް އޮތް ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ އެންމެ ގިނަވެގެން ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތައް ފަށާނީ ހެނދުނު 8:30-9:00 އާ ދެމެދު ކަމަށެވެ، ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް އަންގާފައި ވެ އެވެ.
އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ 1 ގަޑި 30 މިނެޓު ވަންދެންނެވެ. ގްރޭޑު 1-6 ގެ ކުދިންނަށް ދެ ގަޑި 30 މިނެޓު އަދި ގްރޭޑު ހަތަކުން މަތީގެ ކުދިންނަށް ކިޔަވައިދޭނީ ތިން ގަޑިއިރަށެވެ.
މަދުވެގެން ދެ ހަފުތާ ތެރޭގައި ހުރިހާ މާއްދާ ކިޔަވައިދެވޭނެ ގޮތަކަށް އިންތިޒާމު ކުރަން އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގާފައިވެ އެވެ. އެގޮތަށް ކުރިޔަށް ގެންދިއުމަށް މާއްދާއެއް ކިޔަވައިދޭ ވަގުތުގެ ދިގުމިން 30-45 މިނެޓާ ދެމެދަށް ފައްތަން އަންގާފައިވެ އެވެ.
އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ޓީޗަރުންގެ މަސައްކަތު ގަޑި ހަމަޖައްސަން ވާނީ ހަތަރު ގަޑިއިރަށްވުރެ އިތުރު ނުވާނެ ހެންނެވެ.
އަދި މަޣުރިބް ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެން ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާފަިއވެއެވެ. މީގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރޭގަނޑު ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00-10:30 އާ ދެމެދު ރާވަން އަންގާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް