އިންތިހާބަށް ފަހު އަލިވިލެން މިދަނީ، ރާއްޖޭގެ ލާމަރުކަޒީ ފުރަތަމަ ފަތިހަށް: ރައީސް

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބަށް ފަހު އަލިވިލެން މިދަނީ ރާއްޖޭގެ ލާމަރުކަޒީ ފުރަތަމަ ފަތިހަށް ކަމަށް ރައީސް އިބްރާހިމް...

08 Apr 2021 | 17:22

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބަށް ފަހު އަލިވިލެން މިދަނީ ރާއްޖޭގެ ލާމަރުކަޒީ ފުރަތަމަ ފަތިހަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ފުރަތަމަ ފަތިހަށް އަލިވިލުމުން މި ފަތިހަކީ ރާއްޖޭގެ ރަށްތަކުގެ އިޚްތިޞޯޞް ކަނޑައެޅި، އެ ރަށްތަކުގެ އިންތިޒާމްތަކާއި، ބޭނުންތަކާއި، ނިންމުންތައް ނިންމުމުގެ ބާރު އެރަށެއްގެ ކައުންސިލްތަކާއި، ރައްޔިތުންނަށް ޤާނޫނުން ލިއްބައިދޭނެ ފަތިހަކަށް ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޒުކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ހުޅުވިފައިވާކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ހޯދޭނެ އެއްޗެއް ނޫންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރަށްވެހި ފަތިހާ އެކު އުދަރެހަށް ދޮންވާ އެހެން ފަތިހެއް އެބަ ފެނޭކަމުގައި ވިދާޅުވެފައި އެވެ. އެއީ  ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކުރުމަށް ދެމުންދާ ވެކްސިން ގެ ސަބަބުން ޢާންމު ޙާލަތަށް ރުޖޫޢަވުމުގެ އުންމީދު އާ ވެފައިވުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކޮންމެވެސް އެއް މަރުޙަލާއެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ. އަމާޒަކީ މި ވެރިކަމުގެ ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުންކަމުގައެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމީހަކު ދިރިއުޅޭ ސަރަޙައްދުން ފަސޭހަކަމާއެކު ފަރުވާލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވީހާގާތުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، މިގޮތުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލެއް ތަރައްޤީ ކުރަމުން ދާކަމުގައި ވިދާޅުވިއެވެ.

މިގޮތުން، މި ފަސް ހޮސްޕިޓަލަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، އިކުއިޕްމަންޓާއި، އިންސާނީ ވަސީލަތް ބިނާކުރުން ބާރަށް އެބަހިނގާ ކަމަށާއި، މި ހޮސްޕިޓަލްތައް ހިންގާނީ ލާމަރުކަޒީ އުޞޫލުން ވަކި ބޯޑެއްގެ ދަށުންކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ފުރަމާލެ ފުރަބަންދު ވުމުން ރާއްޖެ ހިފެހެއްޓީ މި ހޮސްޕިޓަލް ތަކުން ކަމަށާއި، 2020 ވަނަ އަހަރު ކޯވިޑްގެ ތެރޭގައި މި ފަސް ހޮސްޕިޓަލުގެ އޯޕީޑީއިން އެކަނިވެސް ޖުމްލަ 392،533 މީހުން ބަލާ ފަރުވާދީފައިވާކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް