ސިލްސިލާ ވާހަކަ: ޒާރާ - އަށްޑިހަ އަށްވަނަބައި

އެ ބިރުވެރިކަމާއެކު ޒާރާ ވަނީ ނުތަނަވަސްވެފައެވެ. އިރުއޮއްސުމާއެކު ނަމާދުކޮއް އެތައް ވަގުތެއް  ދުޢާކުރުމުގައި އޭނާ ހޭދަކުރިއެވެ. ޒިލީ ނިންދެވުމަށްފަހު ޒިލީގާތުގައި އޮށޯވެލިއެވެ. ރިމޯޓުން ލައިޓްގެ އަލި...

08 Apr 2021 | 17:04

އެ ބިރުވެރިކަމާއެކު ޒާރާ ވަނީ ނުތަނަވަސްވެފައެވެ. އިރުއޮއްސުމާއެކު ނަމާދުކޮއް އެތައް ވަގުތެއް  ދުޢާކުރުމުގައި އޭނާ ހޭދަކުރިއެވެ. ޒިލީ ނިންދެވުމަށްފަހު ޒިލީގާތުގައި އޮށޯވެލިއެވެ. ރިމޯޓުން ލައިޓްގެ އަލި މަޑުކޮއްލުމަށްފަހު ލޯމަރާލިއެވެ. ދެދުވަސް ވަންދެން ހޮސްޕިޓަލުގައި އުޅުމުގެ ސަބަބުން ވެފައިވާ ވަރުބައްޔާއެކު ޒާރާއަށް ނުހަނު އަވަހަށް ނިދިއްޖެއެވެ.

ޒާރާއަށް ހޭލެވުނީ ކޮންމެވެސް މީހެއްގެ އަތް ޒާރާގެ ހަށިގަނޑުގައި ބީހެން ފެށުމުންނެވެ.

''ފަހުދު..................'' ފުންމައިގެން ތެދުވުމާއެކު ޒާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އެނދުން ފައިބައިގެން ދުއްވައިގަނެވުނެވެ. ގާތުގައި ހުރި މީހާއާ ދުރަށެވެ. އެމީހަކު މަޑުމަޑުން ޒާރާއާ ދިމާއަށް ހިނގައިގަތްތަން ފެނުމުން ބިރުންގޮސް ޒާރާގެ ހިތް ހުއްޓުނު ކަހަލައެވެ. އެމީހަކު ހުއްޓުނީ ޒާރާއާ ނުހަނު ގާތުގައެވެ. ޒާރާގެ ކުރިމަތީގައެވެ. އިސްޖަހައިގެނހުރި ޒާރާއަށް ލޯމަރާލެވުނެވެ. ހިތް އަވަސްވެފައިވާވަރުން ހީވަނީ ހިތް ހުއްޓިދާނެހެނެވެ. ޒާރާގެ ދެކޮނޑުގައި އެމީހަކު ހިފަހައްޓާލިއެވެ. ޒާރާއަށް ތެޅިގަނެވުނެވެ.

''ދުރައްދޭ...................'' ޒާރާ އެހުރިގޮތަށްހުރެ ހަޅޭއްލަވައިގަތ

''ޒާރާ........... މީ މަށޭ............... އިމްރާން.........'' ޒާރާގެ ހަރަކާތްތައް ހުރިގޮތުން ހައިރާން ވެފައިހުރެ އިމްރާން ވާހަކަދެއްކިއެވެ. އިމްރާނުގެ އަޑުޖެހުމާއެކު މަރާލައިގެންހުރި ދެލޯ ހުޅުވާލެވުނެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން އިމްރާނުގެ މޫނަށް ޒާރާ ބަލާލިއެވެ. ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. ދެވަނަ ސިކުންތުގައި އިމްރާނުގެ ގައިގައި ޒާރާއަށް އޮޅުލައިގަނެވުމާއެކު ލޯމަރާލެވުނެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން ޒާރާގެ ރޫޙަށް ފިނިކަން އިހްސާސް ވިއެވެ. އުފަލުންގޮސް ލޮލުން ކަރުނަ ހިލުނެވެ.

''ޒާރާ..................'' ކޮޓަރިތެރޭގައިވާ ހަމަހިމޭންކަން ކަނޑުވާލީ އިމްރާނެވެ. ޒާރާގެ އިމްރާނުގެ މޭގައި ތަތްވެގަނެގެންހުރި ޒާރާ އޭނާގެ ހަށިގަނޑާ ދުރުކޮއްލަމުން އިމްރާނު ގޮވާލިއެވެ. ނުހަނު ލޯބިންނެވެ. މަޑުމައިތިރި ކަމާއެކުގައެވެ.

އިމްރާން ޒާރާއަށް ގޮވާލީ އެހެންޏާވެސް ގޮވާހާ ލޯބިންނެވެ. ނޫންނަމަ އެއަށްވުރެވެސް ލޯބިންހެން ޒާރާއަށް ހީވިއެވެ. އިމްރާނުގެ އަސަރުގަދަ އަޑު ޒާރާގެ ހިއްސުތަކަށް އަސަރު ފޯރުވިއެވެ. އެރީތި ހިތްގައިމު ދެލޮލަށް ޒާރާ ބަލާލިއެވެ. އެ ދެލޮލުން އެއްވެސް ތަފާތުކަމެއް ޒާރާއަކަށް ނުފެނެއެވެ. ފެންނަނީ ކުރިންވެސް، އަބަދުވެސް ފެންނަ ލޯތްބެވެ. އެ ބެލުމުގައި ވަނީ ކުލުނާ ހަމްދަރުދީއެވެ.

''އަނގައިވެސް ނުބުނާނަންތަ............ އާދެބަލަ ..................'' ޒާރާގެ އަތްތިލައިގައި ހިފާލަމުން އިމްރާން ހިނގައިގަތީ އެނދާދިމާއަށެވެ.

އެނދުގައި އިށީނދެލަމުން ޒާރާ އޭނާގެ ގާތުގައި ބޭންދިއެވެ. މަޑުމަޑުން ޒާރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ވިހުރުވިގެން މޫނުމައްޗަށް ވެއްޓިފައިވާ ދެތިން އިސްތަށިކޮޅު ފުރަގަހަށް ގެންގޮސް އިސްތަށިގަނޑު ތަރުތީބު ކޮއްލާދިނީ ނުހަނު ލޯބިންނެވެ.

އިމްރާނުގެ ލޯބިން ފުރިފައިވާ އެ ހަރަކާތްތަކުގެ ސަބަބުން ޒާރާގެ ހިތާހިތުން އޭނާގެ އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ. އިމްރާނު ފަދަ ފިރިއަކާ ޒާރާފަދަ މުޑުދާރު އަންހެނަކު އެކަށީގެންނުވާ ކަމުގައި ހިތާހިތުން ނިންމުނެވެ.

''އޭތް.............. އުފަލެއް ނުވޭތަ އަހަރެން އައިމަ............. ހާދަ މަޑުންނޭ ތި އިންނަނީ.................'' ޒާރާގެ ދަތްދޮޅިގައި ހިފާ އުފުލާލަމުން އިމްރާން ޒާރާއާ ހަތަރުކަޅި ހަމަކޮއްލިއެވެ. އެ ދެލޮލުން އިމްރާނަށް ފެނުނީ ކަންބޮޑުވުމާ ހާސްކަމެވެ. އެ ރީތި މޫނު ވަނީ މިލާފައެވެ. ތުންފަތުގައި ނުފިލާ ހުންނަ ލޯބި ހިނިތުންވުން ވަނީ އެ ދެތުންފަތާ ވަކިވެފައެވެ.

''ޒާރާ..............'' އިމްރާން ތަކުރާރުކޮއް ޒާރާއަށް ގޮވާލިއެވެ. އަދި މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ. ޒާރާގެ އަތުގައި ހިފާ މަޑުމަޑުން ދަމާލިއެވެ.

ޒާރާގެ ހަށިނގަޑު އިމްރާނުގެ ހަށިގަނޑާގުޅި ލަމެހިގެންދިއުމަށް އެދި އިމްރާނުގެ ހިތް ގޮވާތާ އެތައް ދުވަހެކެވެ. އެހާ ދުވަސްކޮއްފައި ޒާރާގެ ހަށިގަނޑުގައި ބީހިލެވުމުން އިމްރާންވަނީ ކެތްމަދުވެފައެވެ. އެތައް ދުވަހަކަށްފަހު އަނބިމީހާ ގާތަށް އާދެވުމުން ކޮންމެ ފިރިއަކަށްވެސް ކުރެވޭނެ އިހްސާސް އިމްރާނަށްވެސް ދަނީ ކުރެވެމުންނެވެ. އެހެންނަމަވެސް ޒާރާގެ ނުރުހުމުގައި އިމްރާން ދުވަހަކުވެސް ޒާރާގެ ގައިގައި އަތްލާފައެއް ނުވާނެއެވެ. އެކަން އެގޮތަށް ކުރާކަށް އިމްރާން ބޭނުމެއްވެސް ނޫނެވެ. ސަބަބަކީ ޒާރާދެކެ އިމްރާނު ވަނީ ހަޤީގީ ލޯބިކަމުގައި ވާތީއެވެ.

ޒާރާގެ މޫޑު ހުރިގޮތުންނާ އޭނާގެ ހަރަކާތްތައް ހުރިގޮތުން އިމްރާން ކަންބޮޑުވާންފެށިއެވެ. އިމްރާނު ގާތްވުމުން ޒާރާއަށް ވީގޮތާ، ފަހުދުގެ ނަމުން ޒާރާ ގޮވިގޮވުން އިމްރާނުގެ ހިތުން ފިލައިގެނެއް ނުދެއެވެ. އެކަމާގުޅިގެން އިމްރާނުގެ ހިތުގައި އުފެދުނު ސުވާލުތަކެއް މަދެއްވެސް ނޫނެވެ.

''ޒާރާ.......... ފަހުދު އެއްޗެކޭ ބުނީތަ.............'' އިމްރާން ކުރި ސުވާލުގެ ސަބަބުން ޒާރާއަށް ތެޅިގަނެވުނެވެ. ކުއްލިއަކަށް ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. ހާސްވެ ކަންބޮޑުވެއްޖެއެވެ.

އިމްރާން އެ ސުވާލުކުރީ ހުރިހާކަމެއް އެނގިގެންބާވައޭ ޒާރާގެ ހިތަށް އެރިއެވެ. އަންގާވެސްނުލާ އިމްރާން އެއައީ އެކަންތަކުގެ ޚަބަރު ލިބިގެން ބާވައެވެ؟ އިމްރާނު އެއުޅެނީ ޒާރާލައްވާ ހުރިހާ ވާހަކައެއް ބުނުވަން ބާވައެވެ؟ ޒާރާގެ ހިތުގައި މިފަދަ އެތަކެއް ސުވާލުތަކެއް އުފެދި ޝައްކުކަމެއް ހިނގައިގަތެވެ.

''ބުނެބަލަ ޒާރާ.......... ޒާރާއަށް އަހަރެން ގާތުގައި ނުބުނެވޭނެ އެއްވެސް ވާހަކައެއް އޮވެގެން ނުވާނެ..........'' ފިނިވެފައި އޮތް ޒާރާގެ އަތްތިލަ އިމްރާނުގެ އަތުތެރެއަށް ލަމުން މަޑުމަޑުން ފިއްތާލިއެވެ.

ޒާރާއަށް މަޖުބޫރުވީ ވިސްނާލާށެވެ. އިމްރާނަށް ސިއްރުކުރުމަކީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އެ ވާހަކަތައް އިމްރާނަށް ކިޔައިދޭނީވެސް ކިހިނެތް ހެއްޔެވެ. ޒާރާގެ އަމިއްލަ ނަފުސުގެ އަގު އިމްރާނު ކުރިމަތީގައި ވެއްޓިގެންދާތަން ދެކޭކަށް ޒާރާއަށް ކެތެއް ނުވާނެއެވެ. އަނެއްކޮޅުން އެ ވާހަކަތައް އަޑު އިވުމަށްފަހު އިމްރާން ހަދާނީ ކިހިނެތް ކަމެއްވެސް ޒާރާއަކަށް ނޭގެއެވެ.

''ޒާރާ........... ހުރިހާ ވާހަކެއް އިމްރާނަށް ކިޔައިދީ........... މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ޒާރާއަށް ނުލިބުމަކީވެސް އެކަށީގެންވާކަމެއް............ ކޮންމެކަމަކަށްވެސް ވަގުތެއް ވޭ............. ވަގުތުގެ ބޭނުން ނުކޮއްފިނަމަ ފަހަރުގައި ޒާރާ އަށް ވިސްނާލަންވެސް ނޭނގޭފަދަ ކަންތައްތަކެއް ކުރިމަތި ވެދާނެ........... އެހެން މީހެއްގެ އަނގައިން އެ ވާހަކަތައް އިމްރާނަށް އިވިއްޖެނަމަ .............. ޒާރާއަށް އޮތް އިތުބާރު ގެއްލޭނެ............ އެދުވަހަކުން އިމްރާނުގެ އިތުރު ސުވާލެއް ނެތި އިމްރާނާ ޒާރާ ވަކިވާން ޖެހުމަކީ ވެސް ވެދާނެކަމެއް............. ޒާރާ......... އަވަސްކުރޭ............ '' ޒާރާގެ ޒަމީރު އޭނާއާ މުޚާތަބު ކުރިއެވެ.

''އިމްރާން............. އަހަރެން ............'' ޒާރާ ބަލާލީ އިމްރާނުގެ މޫނަށެވެ.

''ބުނޭ ޒާރާ.......... ތި މޫނުމަތިން ފެންނަ މާޔޫސްކަމުގެ ސިއްރަކީ ކޮބާ............ އަހަރެން އައިމަވެސް ތި މޫނުން އެއްވެސް އުފާވެރިކަމެއް ނުފެނޭ........... އެއީ ކީއްވެ........... އަހަރެން ދެކެ ފޫހި.................'' އިމްރާނު ބުނަން އުޅުނު ޖުމްލަ ފުރިހަމަ އެއް ނުކުރެވުނެވެ. ޒާރާގެ އިނގިލިން އިމްރާނުގެ ތުންފަތުގައި ޖައްސާ، ބުނަން އުޅުނު ޖުމުލަ ހުއްޓުވިއެވެ.

''ނޫން އިމްރާން............ ތިހެން ނުބުނޭ.............. އަހަރެން ދުވަހަކުވެސް.................އިމްރާން ދެކެ ފޫއްސެއް ނުވާނެ.................'' ޒާރާގެ އަޑު ކުރެހުނެވެ. އޭނާއަށް ކޮއްފައިވާ އަސަރެއްގެ ބޮޑުކަމުން ފެންކަޅިވިއެވެ.

ޒާރާ ހިންދިރުވާލިއެވެ. ކޮންމެގޮތެއް ވިޔަސް އެ ބޮޑު ސިއްރުގެ ވާހަކަ އިމްރާނު ގާތުގައި ބުނަން ޒާރާ ބޭނުމެވެ. އެގޮތަށް ނިންމާ އެވާހަކަ ފަށަން އަނގަ ހުޅުވާލިވަގުތު ދޮރުގައި މީހަކު ޓަކި ދޭ އަޑު އިވުނެވެ.

''އެވާނީ މަންމަ ކަމަށް.......... އެބަޔަށް ވަދެފަ މަޑުވެސްކޮއްނުލާ މިއައީ އެބަ އަންނަމޭ ބުނެފަ.......... ޒާރާއާ މަގޭ ޒިލީ ދެކިލާހިތުން ކެތް ނުވީހަމަ...........'' ޒާރާ އާ ދިމާއަށް ހިނިތުންވެލަމުން އިމްރާން ހިނގައިގަތީ ދޮރު ހުޅުވާށެވެ.

''އައްދެ ...... ފަހުދު ދޯ............. އާދޭ އާދޭ..............'' އިމްރާން ދޮރު ހުޅުވާލުމަށްފަހު އެނބުރި ހިނގައިގަތީ ޒާރާ އިށީނދެއިން އެނދާ ދިމާއަށެވެ. އަދި ރިމޯޓް ނަގައިގެން ކޮޓަރީގައިވާ ލައިޓަތަކުގެ އަލި ގަދަކޮއްލިއެވެ.  ކޮޓަރިތެރެއަށް ވަދެގެން އަންނަ ފަހުދު ފެނުމުން ޒާރާއަށް އިންތަނުން ތެދުވެވުނެވެ. އެމަންޒަރު އިމްރާނަށް ފެނުމުން އަވަސް އަވަހާ ހަރުގަނޑުން ބުރުގާއެއްނެގިއެވެ.

''އެހާވަރު ކަމެއް ނޫނޭ....... އެއީ ހަމަ ފެމިލީ މީހެއްނު........ ބޭބެއެއްފަދަ ހަމަ........... ބުރުގާ އަޅާލާ..... އޯކޭވާނެ............ '' ޒާރާގެ އަތަށް ބުރުގާ ދިއްކޮއްލަމުން އިމްރާން ބުންޏެވެ. މަޑުމަޑުންނެވެ. ހަމައެކަނި ޒާރާއަށް އިވޭވަރަށެވެ. ޒާރާއަށް އެވީގޮތަކީ ބުރުގާ ނާޅާ އިންދާ ފަހުދު ވަނުމުން ވީގޮތެއް ކަމުގައި އިމްރާނަށް ގަބޫލުކުރެވުނީއެވެ.

'' މާ ނުގަޑިއެއްގަ ދޯ މި ވަދެވުނީ.............. އިންމައާ ދައްކާލަންވެފަ އޮތް ވާހަކައެއް އޮތީމަ އެވަރަކުން މި އައީ............... އެނގޭ މީ އުނދަގޫ ގަޑިއަކަށް ވާނެކަންވެސް...........ހިނގާ ކޮފީއަކަށް ނިކުމެލަމާ........... ހުންނާނެ ވަރަށް މީރު ކޮފީއެއް ހަދާފަ............'' ފަހުދު އެނބުރި ނިކުންނަން ހިނގައިގަތެވެ. އިމްރާނުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ.

''އެބަ ނިކުންނަން.............'' އިމްރާން ބުނި އެއްޗެއް ފަހުދަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. ނޫނީ ގަސްދުގައި އަޑު ނީވޭކަމަށް ހެދީއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް،  އިންޝާﷲ، 13 އޭޕްރީލް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް