ކުޑަ ގޮޅީގައި ހުންނަވައި ރައީސް ޔާމިންގެ އަސަރުގަދަ މެސެޖެއް ދިވެހި ރައްޔިތުންނަށް ފޮނުއްވަޢިފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދު ﷲ ޔާމީން ފޮރުވައިގެން ގެންގުޅެނީ "ޕީޕީއެމް ފިކުރު" ދެކެ ބިރުން ކަމަށް އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވެއެވެ.
ދަރިކަލުން ޒެއިން ޔާމީން މެދުވެރިކޮށް އެމަނިކުފާނު މިރޭ ފޮނުއްވި މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ އެ ފިކުރު ދެކެ ބިރުން ކަމަށާއި، އަދި އެ ޕާޓީން އަމާން ދީފާނެ ކަމަށް ހީކޮށްގެން ކަމަށެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންނާއި މާ ދުރުގައި އަޅުގަނޑު އެކަހެރިކޮށްގެން މި ގެންގުޅެނީ އެބޭފުޅުން މި ފިކުރު ދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރި ބަލިކޮށްލެވިދާނެކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައެވެ". ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމިން ވިދާޅުވީ، އެމަނިކުފާނު ޖަލުގެ ކުޑަގޮޅިން ރައްޔިތުންނާއި މި ބައްދަލު ކުރައްވަނީ ގައުމުގެ ހާލަތާއި މެދު ކަންބޮޑުވެ ދެރަވާ ހާލުގައި ކަމަށެވެ. އަދި 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހި ކަމަށާއި، އަދި ހައްލު ނުކުރެވޭނެ ކަމަށް ގިނަބަޔަކު ގަބޫލުކޮށްގެން ތިބި ގައުމީ މަސްލަހަތާއި ގުޅުން ހުރި މައްސަލަތައް ހައްލުކޮށްދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުރިހަމަ ސިޔާދަތާއި މިނިވަންކަން އޮތް ފަހުރުވެރި ގައުމަކަށް މި ރާއްޖެ ހަދައިދިން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ޖަލަށް ލީ، ބޭރުގެ ބަޔަކާއި ގުޅިގެން ކަމަށް ރައީސް ޔާމީންގެ މެސެޖުގައި ތުހުމަތު ކުރިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި، ބޮޑެތި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަަލްސަފާގެ ދެކޮޅު ވެގެން ކަމަށެވެ.
"ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީ، މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު މި ގައުމަށް ވާނެއެއްޗެއް ވާން ދޫކޮށްލާނެ ކަންކަން އަޅުގަނޑަށް ޔަގީނެވެ". ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމެވެ. މި ގައުމުގެ އިސްތިގުލާލެވެ. ބޭރު މީހުން މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ އެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެފަދަ ކަންކަމަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.
އެމަނިކުފާނުގެ މައްޗަަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ވިދާޅުވީ، އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް އަނިޔާކޮށް، ކުޑަގޮޅިއަށް ލައިގެން މި އުޅެނީ ކުށެއްކޮށްގެން ނޫނެވެ. ނުހައްގުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މި އުޅެނީ ތިޔަލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެ ކަން އެނގޭތީ އެވެ."
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލުން މިނިވަންވެ ރައްޔިތުންނަށް ބައްދަލުކުރައްވާނީ މައުސޫމް މީހެއްގެ ގޮތުގައެވެ. އަދި އެދުމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރު ކުރިއަށް ދިއުން ކަމަށާއި، ރާއްޖެއަށް ނަފާވެރިކަން ގެނެސްދޭނީ މި ފިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހުރިހާ ބޭފުޅުންވެސް ހިތްވަރު ކުރައްވާ ގަދައަޅާ މަސައްކަތް ކުރައްްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް