އަންނަ އާދިއްތަ ދުވަހު ކޯވިޑް-19 ދިފާއު ވެކްސިން ކެމްޕެއިންގެ ދަށުން ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓު އުސޫލުން ގުޅައިގެން ގެންގޮސްގެން ކަމަށެވެ. އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.
ފައިޒާ ވެކްސިން ޖޭނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ. ރާއްޖޭގައި ފައިޒާ ވެކްސިން ދިނުމަށް ހަމަޖައްސާފައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިންވެސް ފައިޒާ ވެކްސިން ޖަހައިދޭނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށެވެ.
އެގޮތަށް ހަމަޖައްސާފައިވަނީ ރާއްޖެއަށް ފައިޒާ ވެކްސިންގެ ޑޯޒު ލިބިފައިވާ އަދަދަށް ބަލައިގެންނެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒެވެ.
ފައިޒާ ވެކްސިން ދޭނީ ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނަށެވެ. އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި މީހުންނަށެވެ.
އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ ރާއްޖޭގައި ދޭނީ މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުގައި އެކަނި ކަމަށެވެ.
ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒަ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ނެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ފައިޒާ ވެކްސިންއަށ ރާއްޖެއިން ހުއްދަ ދިނީ މިދިޔަ މަހުގެ14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް