ކަރަންޓީން ނުވެ ވޯޓުލާން ރަށްރަށަށް ދެވޭ ގޮތަށް ހަދައިފި

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރަށްރަށަށް ވޯޓުލާން ދާން ބޭނުންވާ މީހުންނަށް ކަރަންޓީން ނުވެ ދެވޭގޮތަށ...

08 Apr 2021 | 15:05

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރަށްރަށަށް ވޯޓުލާން ދާން ބޭނުންވާ މީހުންނަށް ކަރަންޓީން ނުވެ ދެވޭގޮތަށް ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި އެންގުމުގައި ބުނެފައިވަނީ ކަރަންޓީން ނުވެ ވޯޓުލާންދާ މީހުންނަށް ރަށްރަށަށް ދިއުމުގެ ފުރުސަތު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. މި ފުރުސަތު ދޭން ނިންމާފައިވަނީ ރަށްރަށަށް ގޮސް ކަރަންޓީންވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމުގެ ތެރެއިން10 ދުވަހުގެ ކަރަންޓީންވުން ނުހިމެނޭ ގޮތަށެވެ.

މިއަދު ނެރުނު އެންގުމުގައި ބުނެފައިވާ ގޮތުގައި ކަރަންޓީން ނުވެ ވޯޓުލާން ދާ މީުން ވޯޓުލާ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށް ދިއުން މަނާކޮށްފައިވާއިރު އޭގެ ތެރޭގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ތަންތަން ހިމެނެ އެވެ. ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށް އެންގުމުގައި ވެ އެވެ.

ވޯޓުލާން ރަށަށްގޮސް އުޅޭއިރު މީހުންނާ ބައްދަލުކޮށް، ގޭގެ އަށް ޒިޔާރަތް ނުކުރެވޭނެ އެވެ. ވޯޓުލުމަށް ފަހު، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހަކު އައި ރަށަކަށް އެނބުރި ދާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ވޯޓުލާން ދަތުރަށް ފެށުމުގެ ކުރިން، ދަތުރުކުރާ ތާރީޚާއި އެ ރަށެއްގައި މަޑުކުރާނެ ތަނަކާއި މުއްދަތު ރަށުގެ ކަމާބެހޭ ފަރާތަށް އެންގަން ޖެހެ އެވެ. އަދި ވޯޓުލާން ވޯޓުލާ މަރުކަޒަށް ދާން ޖެހޭނީ ރަށުގައި ކަރަންޓީނު ވެފައި ނުވަތަ އެކަހެރި ވެފައިވާ މީހުން، ވޯޓުލާން ކަނޑައަޅާފައިވާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި ކަމަށް ބުނެފައިވެ އެވެ.

މި މުއްދަތުގައި ދަތުރު ކުރެވޭނީ ވޯޓުލާން ދާ މީހުންނަށް އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް