އެމްޑީޕީގެ އަމާޒަކީ 4 ސިޓީގެ މޭޔަރުކަމާއެކު މަދުވެގެން 1000 ގޮނޑި ކާމިޔާބުކުރުން!

ހޮނިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކާއި އ.ތ.މ ކޮމިޓީގެ އިންތިޚާބުގައި 4 ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމ...

08 Apr 2021 | 11:41

ހޮނިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކާއި އ.ތ.މ ކޮމިޓީގެ އިންތިޚާބުގައި 4 ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސްކަން ކުރައްވާ، ރައީސް ނަޝީދު މިހެން ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އެމްޑީޕީގެ މެންބަރުންނާ އެކު އއ.ރަސްދު އަށް ހުޅުމާލޭން ފުރާވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތިޚާބުގެ ކަންކަން ދިގު ދެމިގެން ދިޔަ ގޮތުން އިންތިޚާބު ނުބޭއްވިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެއްވެސް އިންތިޚާބަކުން ބަލިވެދާނެ ނުވަތަ އުނދަގޫވެދާނެ ކަމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި އިންތިޚާބުގައި 1،500 އެއްހާ ގޮނޑިއަށް އެބަ ކުރިމަތިލަން. އަޅުގަނޑަށް ޔަގީން ކަށަވަރު އޭގެ ތެރެއިން 1،000 ގޮނޑި ނަގާނަން،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބުގައި ޔަގީނުން ވެސް ކާމިޔާބުކުރާނެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރު ކަމެވެ.

"އައްޑު އިން ފެށިގެން އައިސް، ކުޅުދުއްފުއްޓަށް، ފުވަމުލަކާއި މާލެ މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާ އެކު ބޮޑުތަނުން ނަގާނަން،" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުގެ ތެރޭގައި ބައެއް ފަހަރު މާޔޫސްކަން އިހުސާސް ވިޔަސް ފޯކަސް ގެއްލުވާ ނުލުމަށް ނަޝީދު އެމްޑީޕީ ކެނޑިޑޭޓުން އަރިހުން އެދިވަޑައިގަތެވެ. އަދި އެމްޑީޕީގެ ވިސްނުމާއި މިސްރާބު ގެއްލިގެން ނުވާނެ ކަމަށާއި އިންތިހާބު ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ 'ރަށްވެހިފަތިސް އަލިވިލުން' ޖަލްސާ އޮންނާނީ މިރޭ، ރަސްދޫ ފަޅު ތެރޭގަ އެވެ.

މިއަދު ހުޅުމާލޭން ފުރި ހަތަރު ސަފާރީގައި، އެމްޑީޕީގެ ލީޑަޝިޕާއި، ވަޒީރުންގެ އިތުރުން، އެ ޕާޓީގެ 120 މެމްބަރުން ބައިވެރިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް