ދިރާގު ޓީވީގެ ހިދުމަތް ރ. އަލިފުށްޓަށް ތައާރަފުކޮށްފި އެވެ.
މި ހިދުމަތް އެ ރަށަށް ތައާރަފުކުރީ ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. ދިރާގުން ބުނީ ހިދުމަތް ތައާރަފުކޮށް އެ ރަށުގައި ހިދުމަތާއި ގުޅޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. މި ޕެކޭޖު މެދުވެރިކޮށް 450 ރުފިޔާ އަށް 100 އަށްވުރެ ގިނަ ޗެނަލްތައް ބެލާލެވޭނެ އެވެ. މިޕެކޭޖުގައި އެ ކުންފުނިން އަލަށް އިތުރު ކުރި ސިނަމަޗީގެ ޗެނަލްތައް ވެސް ހިމެނޭނެ އެވެ.
މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް މި ހިދުމަތް ވަނީ ތައާރަފު ކޮށްފަ އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ އަލިފުށީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއް ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް،" ޖައިޝާން ވިދާޅުވި އެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް