އަންސާނާ ވެލާވަރަށް ދިޔަ އިލެކްޝަންސް އޮފިޝަލުން ރިސޯޓަށް ނޭރުވި

ދ. އަތޮޅުގައި ހިންގާ އަންސާނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އަރުވަން ދެކޮޅު ހަދައިފި އެވެ. މިކަން ހާމަ ކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި އެވެ. ޝަރީފު ...

08 Apr 2021 | 09:18

ދ. އަތޮޅުގައި ހިންގާ އަންސާނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އަރުވަން ދެކޮޅު ހަދައިފި އެވެ.

މިކަން ހާމަ ކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި އެވެ.

ޝަރީފު ވިދާޅުވީ އޮފިޝަލުން ރިސޯޓަށް ނޭރުވުމުން ކައިރި އެހެން ރަށަކަށް ފޮނުވާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އެ ރިސޯޓުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އީސީން ކުރަމުން އަންނަ ކަމަށެވެ.

އެ ރިސޯޓުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލުމަށް އަންސާނާ ވެލާވަރުގައި މަސައްކަތް ކުރާ 61 މުވައްޒަފަކު ރެޖިސްޓްރީކޮށްފައިވެ އެވެ. މިފަހަރުގެ އިންތިހާބުގައި ރިސޯޓުތަކުގެ މުވައްޒަފުން ކައިރި ރަށްރަށަށް ވޯޓުލާން ނުދެވޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ކަނޑައަޅާފައިވެ އެވެ.

ޝަރީފުވަނީ ޓުވިޓާ މެދުވެރި ކުރައްވާ އެ ރިސޯޓާއި ޓޫރިޒަމް މިނިސްޓްރީ އަދި އެޗްޕީއޭގެ ސަމާލުކަމަށް މިކަން ގެންނަވާފައި އެވެ.

https://twitter.com/ShareefRangondi/status/1380082554712190977

އަންސާނާ ވެލާވަރުގެ އިތުރުން އެހެން ރިސޯޓުތަކަށްދާ އިލެކްޝަންސް އޮފިޝަލުންނަށްވެސް މި މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.

އީސީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ ބައެއް އޮފިޝަލުން ރިސޯޓްތަކަށް އަރުވަން ދެކޮޅު ހަދަނީ، އެޗްްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ފަސް ދުވަސްކުރިން އީސީން ހުއްދަ ނަގާފައި ނުވާތީ އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ފޮށިތައް ބަހައްޓަން އެއްވެސް ރިސޯޓަކަށް އަދި ރަށަކަށް ދާން ހުއްދައެއް ހޯދަން އެޗްޕީއޭ އިން އަންގައިފައެއް ނުވެ އެވެ.

އީސީގެ އޮފިޝަލް ވިދާޅުވީ އީސީން ތަމްރީން ކޮށްފައިވާ އޮފިޝަލުންނަށް ނޭރޭ ނަމަ އެ ރިސޯޓުތަކުގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ އެވެ.

މި މައްސަލައިގަ އީސީ، ޓޫރިޒަމް މިނިސްޓްރީ އަދި އެ މައްސަލަ ދިމާވަމުންދާ ރިސޯޓުތަކާއި އެކު ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް