ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޖާބިރު މައުމޫނަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދެއްވި ފައިސާއެއް ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ. އެ ފައިސާ ދެއްވީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ ހާޒިރުގައި މެލޭޝިއާގައި ކަމަށް ޖާބިރު ވިދާޅުވެފައި އެވެ.
މި މައްސަލަ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައެޅީ އެ ފައިސާ މައުމޫނަށް ދެއްވި ކަމުގެ ހެއްކެތް ނުވަތަ އެ މުއާމަލާތް ހިންގި ކަމުގެ ހެތްކެއް ޖާބިރަށް ކޯޓަށް ހުށަހެޅިފައި ނުވާތީ އެވެ. އަދި ހުކުމުގައިވަނީ އެ ދައުވާ ސާބިތުނުވާތީ، އެ ދައުވާގައި ހޯދަން އެދިފައިވާ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
އެ މައްސަލަ ޖާބިރުގެ ފަރާތުން ކުރިން ފުލުހަށް ވެސް ހުށަހެޅި އެވެ. އެކަމަކު ފަހުންވަނީ މަންމަ އެދިވަޑައިގެންނެވުމުން ކަމަށް ވިދާޅުވެ އެމައްސަލަ ނަގާފައި އެވެ.
އަދި ފަހުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެފައިސާ އަށް ފާރިސް ޚިޔާނާތްވި ކަމަށް ތުހުމަތުކޮށް ފުލުހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
މައުމޫންގެ ފަރާތުން އަބަދުވެސް ވިދާޅުވަމުން އަންނަނީ ޖާބިރު އަތުން އެއްވެސް ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް