ދިވެހިރާއްޖޭގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ނަކް ޕްރައިވެޓް ލިމިޓެޑް އިން މާލޭގައި ތިން ފަށަލައިގެ ޑިސްޕޯސެބަލް މާސްކް އުފައްދާ ފެކްޓަރީއެއް ޤާއިމްކޮށްފިއެވެ.
ރާއްޖެއިން ބޭރުން ފެކްޓަރީއައް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސް އެތެރެކޮށް މި ފެކްޓަރީ ވުޖޫދަށް ގެނައުމަށް ދިމާވި ދަތިތަކާއެކުގައިވެސް މަސައްކަތްތައް ނިންމާ މާސްކް އުފައްދަން ފަށާފައިވާކަމަށް މައި މާސްކް ފެކްޓަރީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޙިލްމީ މައުލޫމާތުދެއްވައެވެ.
"އަޅުގަނޑުމެންގެ ޢަމާޒަކަށްވީ ކޮވިޑްގެ ބަލިމަޑުކަމުން އެންމެ ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދޭ އަސާސީ ވަސީލަތެއްކަމަށް ސިއްޙީ މާހިރުން ލަފާދޭ ތިން ފަށަލައިގެ ޑިސްޕޯސެބަލް މާސްކް އަތްފޯރާ ފަށުގައި ދިވެހިންނަށް ފޯރުކޮށްދިނުން" ހިލްމީ ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި މައި މާސްކް އުފައްދަނީ ހޮސްޕިޓަލްތަކުގައިވެސް ބޭނުންކުރެވޭ ފެންވަރުގައި ޔޫރަޕިއަން ސްޓޭންޑަޑްގެ މޮޅު މެޓީރިއަލް ރާއްޖެއިން ބޭރުން ގެނެސްގެން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މާސްކް އުފައްދާ މިންގަނޑުތަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު މެޝިނަރީ ބޭނުންކޮށްގެން ކަމަށެވެ.
"މި މާސްކުގައި ތިން ފަށަލައެއް ހިމެނޭ. މީގެ އެންމެ މުހިއްމު ފަށަލައަކީ މެދުގައި ހުންނަ ފިލްޓަރު ފަށަލަ. މައި މާސްކްގައި ހުންނަ ފިލްޓަރަކީ ބީ.އެފް.އީ >%99 ގެ ފިލްޓަރެއް." ހިލްމީ ވިދާޅުވިއެވެ.
ފެން ހަރުނުލާފަދަ ބޭރު ފަށަލައަކާއި މާސްކް އަޅައިގެން ތިބޭއިރު ނޭވާލުމަށް ފަސޭހަވާފަދަ އެތެރެ ފަށަލައެއް ހިމެނޭ އިރު، މާސްކުގައި އަޅާމީހާއަށް އުނދަގޫ ނުވާނެފަދަ ކަންފަތުގައި އަޅުވާ ވާ ކޮޅެއްވެސް މިމާސްކުގައި ހިމެނެއެވެ. އަދި އެކި ކުލަކުލައިގެ މާސްކް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށާއި ސްކޫލު ކުދިންނަށް ޙާއްސަކޮށްގެން ކުޑަކުދިންގެ މާސްކް މިހާރު އުފައްދަމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ. ފުރިހަމަ ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ގޮތަށް ކޮންމެ މާސްކެއް ވަކިވަކިން އުރައިގައި ބަންދުކޮށްފައިވާ ޕްރިމިއަމް ޕްރޮޑަކްޓް އިން ފެށިގެން 50 މާސްކްގެ ބަންޑެލި ބާޒާރަށް މިހާރުވަނީ ނެރެފައެވެ.
މިވަގުތު ބާޒާރުން ހެޔޮއަގުގައި ލިބެން ހުރި އެންމެ ކޮލިޓީ ޑިސްޕޯސެބަލް މާސްކަކީ މައި މާސްކް ކަމަށްވާތީ މި މާސްކަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ހިލްމީ މައުލޫމާތު ދެއްވިއެވެ. "އަޅުގަނޑުމެނަށް ބައެއް ރިސޯޓުތަކާއި ކުންފުނިތަކުން އެބޭފުޅުންގެ ލޯގޯ ނުވަތަ ނަން މާސްކުގައި ޖަހައިދިނުމަށްވެސް އެދެމުންދޭ. އަޅުގަނޑުމެންގެ މެޝިނަރީ ބޭނުންކޮށްގެން ލޯގޯ އާއި ނަންވެސް ޖެހޭނެ. އަދި ބޭނުން ގޮތަކަށް ޕެކޭޖްކޮށްދިނުމުގެ ހިދުމަތްވެސް އަޅުގަނޑުމެން ދެން." ހިލްމީ ވިދާޅުވިއެވެ. އަދި ޒުވާން ކުންފުންޏަކުން މިފަދަ މުހިއްމު ފެކްޓަރީއެއް ޤާއިމްކުރުމާއެކު އަތްފޯރާފަށުގައި ދިވެހިންނަށް ބޭނުންވާ މާސްކް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެކަން ކަށަވަރުވެފައިވާތީ ސަރުކާރުން އެކަމަށް ހިއްވަރުދީ މަރުހަބާ ކިޔާކަމަށް މައި މާސްކް ފެކްޓަރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ހިލްމީ ވިދާޅުވިއެވެ.
މައިމާސްކް ފޭސްބުކް ޕޭޖް: https://www.facebook.com/MyMaskMV
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް