ގދ. ތިނަދޫ އަދި ޅ. ހިންނަވަރު މަގުހެދުމުގެ މަޝްރޫއުގައި މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއާއި އެކު ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގ) އިން މިއަދު ސޮއިކޮށްފިއެވެ.
ހިންނަވަރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމު ކުރުމާއި މަގުބައްތި ޖެހުމުގެ އިތުރުން 7.2 މީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި އެވެ.
މި މަޝްރޫޢުގެ އަގަކީ 122 މިލިއަން ރުފިޔާ އެވެ.
ތިނަދޫ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދަށުން މަގުބައްތި ޖެހުމާއި 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި އެވެ.
މި މަޝްރޫޢުގެ އަގަކީ 87 މިލިއަން ރުފިޔާ އެވެ.
މި ދެ މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނެންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙުމަދު ޙަމީދެވެ. ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް މޫސާ އަލި މަނިކެވެ.
އާރްޑީސީއިން މައުލޫމާތު ދެއްވާ ގޮތުގައި މި ހަފްތާގައި ސޮއި ކުރެވިގެން ދިޔަ 5 ޕްރޮޖެކްޓުން ދިވެހިންނަށް 250 ވަޒީފާގެ ފުރުސަތު ލިބިގެން ދާނެއެވެ. މި ޕްރޮޖެކްޓްތަކަށް ދިވެހިން ނޫން ބަޔަކު ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް