އަންނަ ފިތުރު އީދުގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން ދާ ބޮލީވުޑްގެ ފިލްމު "ރާދޭ- ޔުއާ މޯސްޓް ވޯންޓެޑް ބާއީ" ރިލީޒް ކުރުން ފަސް ކުރަން ޖެހިދާނެ ކަމަށް ބުނެފި އެވެ.
ސަލްމާން ހާން ލީޑްރޯލުން ފެނިގެންދާ ފިލްމު "ރާދޭ" އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މިއަހަރު ކުރީ ކޮޅު ސަލްމާން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިއަހަރު ފިތުރުއީދުގައި ރިލީޒް ކުރެވޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އެ ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައި އެވެ. ފިލްމު ރިލީޒް ކުރުން އިތުރަށް ފަސް ކުރަން ޖެހިދާނެ ކަމަށް ބެލެވިފައިވަނީ އިންޑިއާގެ މަހާރާސްޓްރާ ސްޓޭޓްގައި ކޯވިޑް ފެތުރުން އިތުރުވެފައިވާތި އެވެ.
ސަލްމާން ބުނީ ސިނަމާތަކުގައި ފިލްމު ރިލީޒް ކުރުމުން ކޯވިޑް ފެތުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެކަމަކު އަދިވެސް މަސައްކަތް ކުރަމުންދަނީ ފިތުރު އީދުގައި ރިލީޒް ކުރެވޭތޯ ކަމަށާއި މި އީދަށް ފިލްމު "ރާދޭ" ރިލީޒް ނުކުރެވިއްޖެ ނަމަ ދެން ފިލްމު ރިލީޒް ކުރާނީ އަންނަ އަލްޙާ އީދުގައިކަމަށެވެ.
މި ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ދިޝާ ޕަޓާނީ، އަދި ޖެކީ ޝްރޮފް ހިމެނެ އެވެ.
މި ފިލްމު ކުރިން ރިލީޒް ކުރަން ހަމަޖެހިފައިއޮތީ މިދިޔަ އަހަރުގެ ފިތުރު އީދުގައި އެވެ. އެފަހަރުވެސް ރިލީޒް ކުރުން ފަސް ކުރީ ކޯވިޑާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައި އޮތުމުންނެވެ.
މަހާރާޝްޓްރާ ސްޓޭޓް ސަރުކާރުން ވަނީ މި ހަފްތާ ބަންދުގައި ހުރިހާ ސިޓީތަކެއް ލޮކްޑައުން ކުރަން ނިންމާފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މުމްބާއީ ހިމެނޭ މަހާރާޝްޓްރާ ސްޓޭގައި ކޯވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވެ ދުވާލަކު 50،000 އަށްވުރެ ގިނަ މީހުން ދަނީ ކޯވިޑަށް ޕޮސިޓިވްވަމުންނެވެ.
މިދުވަސްވަރު ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއްވެސް ދަނީ ކޯވިޑަށް ޕޮސިޓިވްވަމުންނެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް ޖެހުނު ތަރިންގެ ތެރޭގައި އާލިއާ ބަޓް، އަކްޝޭ ކުމާރު، ރަންބީރު ކަޕޫރު، ކެޓްރީނާ ކެއިފް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް