އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު މީހުންގެ ތެރޭގައި މުސްލިމުން ވަރަށް ގިނަ އެވެ.
އޭގެ ތެރޭގައި ސަލްމާން ހާން، ޝާރުކް ހާން، ސަައިފް އަލީ ހާން، ސަނާ ހާން އަދި މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާން ފަދަ އެތައް ތަރިންނަކީ މުޅި ދުނިޔޭގައި މަޝްހޫރު ބޮލީވުޑްތަރިންނެވެ. އެކަމަކު އެމީހުން ކުޅޭ ފިލްމުތަކާއި ދިރިއުޅުމުގެ އާދަކާދައިން މުސްލިމުންގެ ސިފަތައް ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ.
މިދިޔަ އަަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ މުސްލިމް ފަންނާނުންތަކެއް ވަނީ ދީނަށް އިސްކަން ދިނުމަށް މުނިފޫހިފިިލުވުމުގެ ދާއިރާއާއި ދުރަށް ގޮސްފައި އެވެ. މިފަހަރު ދާއިރާ އާއި ދުރަށް ދިޔައީ މަޝްހޫރު މޮޑެލް އަދި އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީޒް ރިވޮލިއުޝަން" ގެ ފެނިގެން ދިޔަ ސާގިބް ހާން އެވެ.
ސާގިބް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕޯސްޓަކީ އޭނާ ރިއަލިޓީ ޝޯތަކުންނާއި މޮޑެލް ކުރުން ހުއްޓާލިކަން އިއުލާނު ކުރަން ކުރި ޕޯސްޓެއް ކަމަށެވެ. އެ ޕޯސްޓުގައި ފެންނަނީ އޭނާ ހަތިމެއް ހިފައިގެން ހުންނަތަނެވެ.
އެ ޕޯސްޓުގެ ފަހުން ކޮށްފައިވަނީ ހުސް ދީނާ ގުޅުން ހުރި ކަންކަމާއި ގުޅޭ ޕޯސްޓުތަކެވެ.
ސާގިބް ބުނެފައިވަނީ އެ ނިންމުން ދެން ބަދަލު ނުވާނެ ކަމަށެވެ. އަދި ދާއިރާއާއި ދުރަށް ގޮސް ދީނީ ކަންކަމަށް އިސްކަން ދޭން ނިންމީ ކުރާނެ މަސައްކަތެއް ނުލިބި ގޮތް ހުސްވުމުން މަތިޖެހުމުގެ ގޮތުން ނޫން ކަމަށް ބުނެފައިވެ އެވެ. އޭނާ ބުނީ ގިނަ މަސައްކަތްތަކެއް މިހާރުވެސް އޭނާއަށް ލިބިފައި އެބަހުރި ކަމަށެވެ.
https://www.instagram.com/p/CNO5kOXjN4M/
https://www.instagram.com/p/CK0tLYQjp8f/
އޭނާ ބުނީ މޮޑެލިން އާއި ރިއަލިޓީ ޝޯތަކުގައި މަސައްކަތް ކުރި ކުރު މުއްދަތުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް އޭނާއަށް ލިބިފައިވާ ކަމަށެވެ. ސާގިބް އާންމުން ބަލައިގެންފަ ވީނަމަވެސް އޭނާއަށް ގިނަ ސަޕޯޓަރުންތަކެއް ލިބިފައިވާ ވާހަކަތަށް ގިނަ މީޑިއާ ރިޕޯޓުތަކުގައި ގަބޫލު ކޮށްފައެއް ނުވެ އެވެ.
އޭނާގެ އިންސްޓަގްރާމް ޕޭޖު އަދިވެސް ވެރިފައި ކޮށްދީފައި ނުވާއިރު އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރަނީވެސް އެންމެ 30 ހާސް މީހުންނެވެ. އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ފޮލޯވަރުންގެ އަދަދު އާންމުކޮށް އުޅެނީ މިލިއަނުން މަތީގައި އެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މުސްލިމް މަޝްހޫރު ފަންނާނުންތަކެއް ބޮލީވުޑް އަދި މޮޑެލިންގެ ދާއިރާއާއި ދުރަށް ގޮސްފައިވެ އެވެ. އޭގެ ތެރޭގައި ސަނާ ހާން އަދި ޒައިރާ ވަސީމް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް