ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފުލެޓުތަކުގެ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މިއަދު ފަށައިފިއެވެ.
މިހާރު ކުރިއަށް ދަނީ އެޗް10 ގެ ކެޓަގަރީގެ ފްލެޓްތަކުގެ ގުރު ނެގުމެވެ. އެޗް10 އަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީއެވެ.
ގުރުއަތު ނަގަމުން ދަނީ ފުލެޓު ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ ތަރުތީބުންނެވެ.
ހިޔާ ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެޗްޑީސީއާއެވެ. އެޗްޑީސީން ބުނީ މި ކެޓަގަރީން ފްލެޓު ލިބޭ މީހުންނަށް ފްލެޓުތައް ދޭނީ ހުރިހާ ޓަވަރެއްގެ އެންމެ ތިރީ ފަންގިފިލާތަކުން ކަމަށެވެ.
ގުރުއަތު ނެގުން ޕީއެސްއެމްގެ ޔެސްޓީވީ އިން ވަގުތުން ދަނީ ދައްކަމުންނެވެ.
މިދުވަސްވަރަކީ ކޯވިޑްގެ ދުވަސްވަރު ކަމަށްވާތީ HPAގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެ މަތިން ގުރުއަތު ނަގާ ހޯލަށް ގުރުއަތު ނެގުމަށް މީހުން ހާޒިރެއް ނުކުރެ އެވެ. އެކަމަކު ދައުވަތު ދީގެން ދާ އޮބްޒާވަރުންނަށް ވަނުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ގުރުއަތު ނަގާއިރު، ނެގުނު ފްލެޓާއި، ފްލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ދަނީ ދައްކަމުންނެވެ.
މީގެ އިތުރުން ފްލެޓް ލިބުނު ފަރާތްތަކުން ދީފައިވާ ފޯނު ނަމްބަރަށް މެސެޖެއްް ލިބޭނެ އެވެ. މި މެސެޖުގައި ނެގުނު ފެލްޓް، ޓަވަރު، ފްލޯ ހިމޭނެ ކަމަށާއި މެސެޖުގައިވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުން ނެގުނު ފްލެޓްގެ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި ގުރުއަތަށްފަހު ލިބުނު ފްލެޓްގެ އެގްރީމަންޓްގައި ސޮއި ކުރުމާއި، ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާނުކުރެވޭނެ ކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް