ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތާއި މެދު މާދަމާ ގޮތެއް ނިންމަނީ

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅި...

08 Apr 2020 | 17:24

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިދިޔަ މާޗް މަހުގެ12 ވަނަ ދުވަހު އެވެ. އެ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ30 ދުވަހުގެ މުއްދަތަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާލަތާއި ގުޅިގެން ދެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާ ނިންމުމެއް ހާމަ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސިއްހީ ކުއްލި ހާލަތާއި މެދު ގޮތެއް ނިންމާނީ ރާއްޖޭގައި ކޯވިޑް-19 ފެތުރޭތޯ ދެނެގަތުމަށް ކުރާ ދިރާސާއިން ނުކުންނަ ނަތީޖާ އާއި، މިހާރު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ލުއި ދީފި ނަމަ ނުކުންނާނެ ނަތީޖާއަށް ބަލާފައި ކަމަށެވެ. އެކަންކަން ނިންމުމުގެ މަސައްކަތް ޓެގް ޓީމުން ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޓެގް ޓީމުން އާންމުންގެ މެދުގައި ބަލި ފެތުރޭތޯ ދެނެގަތުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން ބަޔަކު ކޯވިޑް-19 އަށް ޓެސްޓު ކުރުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ގުޅިގެން ޑޮކްޓަރަށް ދައްކާ މީހުންގެ މައުލޫމާތު ރާއްޖޭގެ ހުރިހާ ރަށަކުން ހޯދުން ހިމެނެ އެވެ.

މިހާތަނަށް ޓެސްޓު ކުރި އެއްވެސް މީހަކު ޕޮސިޓީވްވެފައި ނުވާއިރު ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން ނުދާ ކަމަށް ބުނެ އެވެ. އެ މަސައްކަތްތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރޭކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ގެ19 ކޭސް ފެނިފައިވާއިރު ބަލި އާންމުންގެ މެދުގައި ފެތުރުނަ ނުދިނުމަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ.

އެގޮތުން ސަރުކާރު އޮފިސްތާކައި ޔުނިވާސިޓީ، ސްކޫލްތައް ބަންދުކޮށްފައިވާއިރު މާލެ ސަރަހައްދުގައި ތިން ގަޑިއިރަށް ކޮންމެ ދުވަހަކު ދަނީ ކާފިއު ހިންގަމުންނެވެ. ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.

މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް