ހުޅުމާލޭގައި ކޯވިޑަށް ހާއްސަ ފެސިލިޓީ ހަދަނީ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން

ހުޅުމާލޭގައި ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރު ކުރަމުންދާ ފެސިލިޓީ ހެދުމަށް40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އެ ތަނަށް ނަން ދ...

08 Apr 2020 | 17:09

ހުޅުމާލޭގައި ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރު ކުރަމުންދާ ފެސިލިޓީ ހެދުމަށް40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ތަނަށް ނަން ދީފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަމުންނެވެ. އެ ފެސިލިޓީއަކީ300 މީހުންނަށް އެއް ފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްގީ ކުރާ ތަނެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ފެސިލިޓީ ތަރައްގީކޮށް ނިމޭއިރު ތިން އިމާރާތެއް ހުންނާނެ ކަމަށެވެ. އެއީ ބަލި މީހުންނަށް ހާއްސަ އިމާރާތަކާއި، ހިދުމަތްތަކަށް ހާއްސަ އިމާރާތެއްގެ އިތުރުން އެކޮމެޑޭޝަން އަށް ހާއްސަ އިމާރާތެކެވެ.

ހިދުމަތްތަކާއި ބެހޭ އިމާރާތުން ކެއުމާއި، ދޮވެ އިސްތިރި ކުރުމާއި އެނޫންވެސް އެ ފެސިލިޓީގައި ދޭންޖެހޭ ހިދުމަތްތައް ލިބޭނެ އެވެ. އެކޮމެޑޭޝަން އިމާރާތަކީ އެ ތަނުގައި ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުން އަދި މަސައްކަތު މީހުންގެ ހުރުމަށް ތައްޔާރު ކުރާ އިމާރާތެކެވެ.

މަބްރޫކް ވިދާޅުވީ އެ ފެސިލިޓީ ހަދަނީ12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ސިއްހީ ފަރުވާދޭ ސާމާނު ހޯދަން28 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މިތަން ހަދަމުން ދަނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި އޮންނަ ހުސް ބިމުގައި އެވެ. އެތަނުގެ ހުރިހާ މަސައްކަތެއް މިމަހުގެ15 ގެ ކުރިން ނިމޭނެ ކަމަށް މީގެ ކުރިން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެ އެވެ.

މި ފެސިލިޓީގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަދި ހުޅުމާލެއާ ގުޅާލާފައިވާ ފަރުކޮޅުފުށީގައިވެސް ވަނީ ކޯވިޑް-19 އަށް ހާއްސަ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކޮށްފައި އެވެ. އެޗްއައިއެޗްގައި ބައެއް މަސައްކަތްތައް އަދިވެސް ކުރަމުންދާއިރު ފަރުކޮޅުފުށީގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާފައި އެވެ.

ފަރުކޮޅުފުށީގައި އައިސޮލޭޝަން ފެސިލިޓީ ގާއިމް ކުރުމަށް5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ކުރިން30 އެނދު ހުރި މި ފެސިލިޓީގެ ޖާގަ ވަނީ50 އެނދަށް އިތުރުކޮށްފައި އެވެ. އަދި އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ދެ އެނދާއި ވެންޓިލޭޓަރެއް އެތަނުގައި އެބަ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް