ޖޯލީގައި މަސައްކަތް ކުރި ބިދޭސީ މީހާއާ ގުޅުންހުރި 33 މީހަކު އައިސޮލޭޝަނަށް

ރ. އަތޮޅުގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރުމަށް ފަހު ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮސިޓީވްވި ބިދޭސީ މީހާ އާއި ގުޅުންހުރި33 މީހަކު އައިސޮލޭޓް ކޮށްފި އެވެ. އެމީހާ މަސައްކަތް...

08 Apr 2020 | 16:35

ރ. އަތޮޅުގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރުމަށް ފަހު ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮސިޓީވްވި ބިދޭސީ މީހާ އާއި ގުޅުންހުރި33 މީހަކު އައިސޮލޭޓް ކޮށްފި އެވެ.

އެމީހާ މަސައްކަތް ކޮށްފައިވަނީ ޖޯލި ރިސޯޓާއި އެ ކުންފުނިން އެ އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފުށީގައި އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ13 ވަނަ ދުވަހު އެވެ. ފުރައިގެން ދިޔައީ މިދިޔަ މާޗް މަހުގެ31 ވަނަ ދުވަހު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި މައްސަލަ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އެޗްޕީއޭއިން ބަލަމުންދާ ކަމަށެވެ. އެޗްޕީއޭގެ ޓީމެއް އެ ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން މިހާތަނަށް އެމީހާ އާއި ގުޅުން ހުރި33 މީހަކު ދެނެގަނެފައިވާ ކަމަށާއި އެ އެންމެން ތިބީ އައިސޮލޭޝަންގައި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމީހާ އާއި އެކު މަސައްކަތް ކުރި މުވައްޒަފުންނާއި، އެއަޕޯޓަށް އޭނާ ދިޔަ ލޯންޗު ކްރޫ އާއި އެއާޕޯޓުގައި އެމީހާއަށް ހިދުމަތް ދިން މުވައްޒަފުންނެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް އައިސޮލޭޝަންގައި ތިބި މީހުންގެ ތެރެއިން21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މަބްރޫކް ރޭ ވިދާޅުވީ އެހާ ދިގު މުއްދަތަކަށް އެމީހާ ރާއްޖޭގައި ހުރުމުން ބަލި އެރީ ރާއްޖެއިން ނޫން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެކަމަކު ރާއްޖެއިންވެސް މި ބަލި ފެނިފައިވާތީ ރާއްޖެއިން ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ބައްޔަށް13 މީހަކު ޕޮސިޓިވްވެފައިވާއިރު13 މީހަކު ވަނީ ރަނގަޅުވެފައި އެވެ. ފަރުވާ ދެމުން ދަނީ ހަތަރު ދިވެހިންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް