ކޯވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ހާލަތުގައި ކޯޓުތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމާ ގުޅޭ ހާއްސަ ގަވައިދަކަށް އަމަލު ކުރަން ފަށައިފިއެވެ.
ސުޕްރީމް ކޯޓުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި އެ ހާއްސަ ގަވައިދުގައި ވަނީ ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިއަދު ނިންމާފައިވަނީ ކޯވިޑް-19 ކޮންޓްރޯލްކުރަން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެ ގަވާއިދުގެ އެ ބަޔަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމާ ބެހޭ ޚާއްސަ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދަށް އަމަލު ކުރުމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި، ނެރުއްވާފައިވާ ސާކިއުލާގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން އިބްތިދާއީ އަޑުއެހުންތަކާއި ހެކިބަސް ނެގުމުގެ އަޑުއެހުންތަކުގެ އިތުރުން ދައުވާލިބޭ މީހާ އެހެން ރަށެއްގައި ހުންނަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވިދާނެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ އަޑުއެހުންތަކުގައި ދިފާއީ ވަކީލުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ މަޖިލީހުގެ އާންމު އުސޫލުތައް އެފަދަ މަޖިލިސްތަކަށް ވެސް ހިނގާނެ އެވެ. އަދި އެތަނުގައި ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ، އެކަމަށް ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ކޯވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު 13 މިހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް