ކޯވިޑް-19: ރާއްޖޭގެ ހާލަތު ރައީސް ސޯލިހް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލާ ހިއްސާކުރައްވައިފި

ކޯވިޑް-19 ގެ ކަންކަމުގައި ރާއްޖޭގެ ހާލަތާއި ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކާއި އަދި ރާއްޖެއަށް ހުރި ގޮންޖެހުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެ...

08 Apr 2020 | 12:12

ކޯވިޑް-19 ގެ ކަންކަމުގައި ރާއްޖޭގެ ހާލަތާއި ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކާއި އަދި ރާއްޖެއަށް ހުރި ގޮންޖެހުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދޮނަމާއި ހިއްސާކުރައްވައިފިއެވެ.

ރައީސް ސޯލިހް މިކަންކަން ޓެޑްރޯސާއި ހިއްސާކުރެއްވީ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯނުކޯލުގައި ރާއްޖޭގެ ހާލަތު ޓެޑްރޯސަށް ކިޔާދިނުމުގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ދުރާލާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ރައީސް ސޯލިހަށް އެރުވިއެވެ. އަދި ރާއްޖޭގައި އަދި މި ބަލީގެ "ކޮމިއުނިޓީ ސްޕްރެޑް"އެއް ނެތްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގައި ޕަބްލިކް ހެލްތު އެމަޖެންސީގެ ހާލަތު އިއުލާނު ކުރި ކަމާއި މީހުން އެއްވެ އުޅުން މަދު ކުރެވިފައިވާކަމާއި ރާއްޖެއިން އޮން އެރައިވަލް ވިޒާ ދިނުން ހުއްޓާލެވިފައިވާކަމާއި ރިސޯޓުތަކުން ރަށް ރަށް މީހުން ދިއުމާއި އައުން މަނާކުރުމުގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެއަށް އަންނަ ދިވެހިން ކަރަންޓީނު ފުރިހަމަކުރަންޖެހޭކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ކަންކަމުގައި، ވަކިން ހާއްސަގޮތެއްގައި މީހުން ހޭލުންތެރިކުރުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި މި ޕެންޑެމިކުން އަރައިގަތުމަށް ގައުމުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދެމުން އަންނަ އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިދާކަށް ދުވަހު ދިން ޓެސްޓް ކިޓްތަކުގެ ވާހަކަ ފާހަގަކުރައްވައި ރައީސް ސޯލިހް، ޓެޑްރޯސަށް ޝުކުރުވެސް އަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް މިކަމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި މި ހާލަތުގައި ބައެއް ތަކެތި އެހެން ގައުމުތަކުން ގެނައުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމަށް އެދިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް