ހަސަން ލަތީފު ހުށަހެޅުއްވި ބިލު ގާނޫނު އަސާސީ އާއި ހިލާފު: އުޝާމް

ކައުންސިލްތަކުގެ ދައުރު ދަންމާލަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނު އަސާސީ އާއި ހިލާފު ބިލެއް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ ...

08 Apr 2020 | 11:23

ކައުންސިލްތަކުގެ ދައުރު ދަންމާލަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނު އަސާސީ އާއި ހިލާފު ބިލެއް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.

އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލާ ގުޅޭގޮތުން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ މަގުސަދަކީ ގާނޫނު އަސާސީ އިސްލާހު ނުކުރުން ކަމަށެވެ. އަދި ބޭނުމަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު އިތުރު ކުރުން ކަމަށް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ގާނޫނު އަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނު އަސާސީ އިސްލާހު ނުކޮށް އާންމު ގާނޫނަކުން ބަދަލު ކުރުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށެވެ.

https://twitter.com/a_usham/status/1247805230936293376

ހަސަން ލަތީފު މިއަދު މި ބިލް ހުށަހެޅި އިރު ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ކަނޑައަޅާ މިހާރު މިއޮތް ކައުންސިލްގެ ދައުރު އެ ދުވަހާއި ހަމައަށް ދަންމާލަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައި އެވެ. އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ މި ދަނޑިވަޅުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނަމުންނެވެ.

ނަޝީދު ވިދާޅުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށެވެ. މިކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކަމަށާއި އިއުލާނުކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް