ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަނޑައެޅިފައިިވާ ތާރީހުގައި ނުބޭއްވޭނެތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން މުޅިން އާ ބިލެއް އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވައިފި އެވެ.
ހަސަން ލަތީފު ހުށަހެޅުއްވި މި ބިލަށް މަޖިލީހުގައި ބަހުސް ކުރައްވާފައި އެއް ނުވެ އެވެ. އެއީ އެ މައްސަލަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝދު މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދަވާފައި ނުވާތީ އެވެ.
އެ ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.
އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލުވުމުން އެ ގާނޫނު އުވޭނެކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ބިލް ހުށަހެޅި އިރު ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލަރުންގެ ދައުރު ހަމަވާތީ ގާނޫނީ ހުސްކަމެއް އަޔަ ނުދޭން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައި އެވެ. އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާ ދުވަހުގެ ގޮތުގައި ކަނޑައަޅާ އެ އިސްލާޙުގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުން އިންތިހާބު ބާއްވާ އާ ކައުންސިލަރުން އައްޔަން ކުރެވެންދެން ތިބޭނެ ކަމަށެވެ.
އެ ބިލް މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރިން ނަމަވެސް، އެ ފަހުން އެ ބިލް އެޖެންޑާކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް