ނުއުމާން އަކީ ތެދުވެރި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަކީ ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ނު...

08 Apr 2020 | 07:47

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަކީ ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ އެވެ. އެ ކަމާ ގުޅިގެން ފަރުވާ ހޯދަން އިންޑިއާގައި ހުންނަވާތާ ހައެއްކަ މަސްވެއްޖެ ކަމަށް ވެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުއުމާން އަވަހާރަވި ހަބަރު އެއްސެވީ ހިތާމައާއި އެކު ކަމަށެވެ. އަދި ނުއުމާން އަކީ ތެދުވެރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާ މަރްހޫމްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައި އެވެ.

ނުއުމާން އަވަހާރަވުމާއި ގުޅިގެން ކަސްޓަމްސްގެ މައި އޮފީސް ވަނީ މިއަދު ބަންދުކޮށްފައި އެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހު އެ އޮފީހުގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައި އެވެ.

https://twitter.com/ibusolih/status/1247786018691923981

ކަސްޓަމްސްގެ ވެރިއަކަށް ނުއުމާން އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން11 ޑިސެމްބަރު2018 ގައި އެވެ.

އޭނާ އެ މަގާމަށް ހައްޔަން ކުރައްވާފައިވަނީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ. ނުއުމާން އަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެއްވެސް މެއެވެ.

އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އެ ތަންތަނުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް