ޗެނަލް13ގެ ޕްރެޒެންޓަރުންގެ ބަސްމަގު ރަނގަޅު ކުރުމަށް ބްރޯޑްކޮމްއިން ނަސޭހަތްތެރިވެއްޖެ

ޗެނަލް13ގެ ޕްރޮގްރާމުތަކުގައި ޕްރެޒެންޓަރުން ގެންގުޅޭ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ނަސޭހަތްތެރިވެއްޖެ އެވެ. ބްރޯޑްކޮމްއިން އި...

08 Apr 2020 | 04:52

ޗެނަލް13ގެ ޕްރޮގްރާމުތަކުގައި ޕްރެޒެންޓަރުން ގެންގުޅޭ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ނަސޭހަތްތެރިވެއްޖެ އެވެ.

ބްރޯޑްކޮމްއިން އިއްޔެ ޗެނަލް13އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޗެނަލް13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ހާއްސަކޮށް ޗެނަލް13އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް13އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބްރޯޑްކޮމްއިން އެ ސިޓީގައި ނަސޭހަތްތެރިވި އެވެ. އަދި ބްރޯޑްކާސްޓްކުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެދި ޗެނަލް13އަށް ބްރޯޑްކޮމްއިން ނަސޭހަތްތެރިވިއެވެ.

އަދި އެއާ ހިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، މި ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކޮމްގެ ސިޓީގައި ބުނެފައިވެއެވެ.

މީގެ ކުރިން ޗެނަލް13އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމުގައިވެސް ސައްހަ ނޫން މައުލޫމާތު ގެނެސްދިނީތީ ބްރޯޑްކޮމްއިން ވަނީ ނަސޭހަތްދީފައެވެ. އަދި ފަހުންވެސް އެކަން ތަކުރާރުވުމުން "މަޑިސީލަ" ޕްރޮގްރާމު ހުއްޓާލަން ޗެނަލް13އަށް އެ ކޮމިޝަނުން އެންގިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް